ކުޅިވަރު

ޗެލްސީއިން ބްރައިޓަންއާ އެއްވަރުވެ ސިޓީއާ ދެމެދުގައިވާ ފަރަގު އިތުރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރިމެޗް އެއްވަރުވެ ތާވާލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު އިތުރަށް ފުޅާވެއްޖެއެވެ.

ޗެލްސީގެ ދަނދުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުންނެވެ. ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއެވެ. މިމެޗްގައި ބްރައިޓަންގެ ފަރާތުން ފެނިގެންދިޔައީ ފަހަކަށް އައިސް އެޓީމުގެފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުމެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހުނަރުވެރި ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ޗެލްސީއަށް ލިބިގެންދިޔައިރު ބްރައިޓަންއިންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މިމެޗްގައި ބްރައިޓަންއިން އެއްވަރުކުރި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗްގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑެނީ ވެލްބެކެވެ.

މިމެޗް އެއްވަރު ވުމުން ޗެލްސީއަށް ތާވަލްގެ ދެވަނައަށް އެރުނު ނަމަވެސް ސިޓީ އާއި ދެމެދުގައި ފަރަގު މިވަނީ މިހާރު އަށް ޕޮއިންޓަށް އިތުރު ވެފައެވެ. އަދި އެންމެގާތުން ވާދަކުރަމުންދާ ލިވަޕޫލްގެ މައްޗަށް ތިން ޕޮއިންޓްގެ ލިޑެއް ނެގުމަށް ކުރި މަސައްކަތްވެސް މިވަނީ ނާކާމިޔާބު ވެފައެވެ.

ހަމައެއާއެކު މުހިންމު ދެ ކުޅުންތެރިންކަމަށްވާ ރީސް ޖޭމްސް އާއި އެންޑްރިއާސް ކްރިސްޓެންސަންއަށް ވަނީ އަނިޔާވެފައެވެ. ޗެލްސީއަށް މިހާރު 20 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ބްރައިޓަންއަށް މިމެޗުން ލިބުނު ޕޮއިންޓާއެކު އުޅެނީ 18 މެޗުން ލިބިފައިވާ 24 ޕޮއިންޓެވެ.