ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތް ފަށައިފި


ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ. ކޮންމެ އަހަރަކު ބާއްވަމުންގެންދާ މި މުބާރާތް، މިއަހަރު ކުރިއަށް ގެންދަނީ ވަނީ ލައިވް ރެކޯޑިންއާއި ވަރޗުއަލް ކޮންނެވެ.

މި މުބާރާތުގެ އޮޑިޝަނުގައި ބައިވެރިވި 4000 ކުދިންގެ ތެރެއިން 1000 ކުދިން ވަނީ މި މުބާރާތަށް ހޮވިފައެވެ. އޭގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ގޮފިން ބައިވެރިވި ހުރިހާ ބައިވެރިންގެ ކިޔެވުންތައް މިހާރު ވަނީ ހުށައަޅާފައެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019ވަނަ އަހަރެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މިދިޔަ އަހަރު މި މުބާރާތް ބާއްވާފައެއްނުވެއެވެ. އެހެންނަމަވެސް ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަމުގައި މުބާރާތެއް މިދިޔަ އަހަރު ވަނީ ބާއްވާފައެވެ. އެ މުބާރާތްވެސް ކުރިއަށްގެންގޮސްފައި ވަނީ މުޅިން ވަރޗުއަލްކޮށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް އަމަންއަމާންކަމައި ރައްކާތެރިކަން ދެމިއޮތް އެންމެ ބޮޑު އެއްސަބަބަކީ ކީރިތި ޤުރުއާނަށް ދިވެހިންގެ ހިތްތަކުގައި ދެވިފައި އޮތް ލޯތްބާއި އެ ޤުރުއާނަށް ދިން ޤަދަރުކަމަށެވެ. އެހެންކަމުން މިފަދަ މުބާރާތްތަކާއެކު ޤުރުއާނުގެ ޢިލްމު ފަތުރައި އެއާ އެއްގޮތަށް ޢަމަލުކުރާ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމުގެމައްޗަށް އޭނާ ބައްލަވާލެއްވިއެވެ.

އިލްޔާސް ޖަމާލްވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތް ކުރިއަށް ގެންދިއުމަށް އެކިގޮތްގޮތުން އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އަހަރުން އަހަރަށް މި މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުދިންނަށް ދެވޭ އެލަވަންސް މިހާރަށްވުރެ ރަނގަޅުކުރުމަށް އުސޫލު މުރާޖާކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981ވަނަ އަހަރުން ފެށިގެން ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެންމެ މުހިއްމު އެއް އަމާޒަކީ ޤުރުއާނަށް އަހުލުވެރި ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.