ކުޅިވަރު

ޔޫވީ ބަލިކޮށް ގްރީން ދެވަނައަށް


ޕްރެޒިޑެންޓްސް ކަޕުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސްއިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ ދެކޮޅަށް ކުޅުނު މެޗް 2-0 އިން ކާމިޔާބު ކޮށްފިއެވެ.

މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ގްރީން ސްޓްރީޓުންނެވެ. ޔޫވީގެ ޕެނަލްޓީ އޭރިއާ އަރިމަތިން ލިބުނު ހިލޭޖެހުމަކުން، ޢަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު ޢަލީ ނާޖިހު (ނާޖީ) އަތުގައި ޖެހިފައި އަދި ހުރަސްދަނޑީގައި ވެސް ޖެހިފައެވެ. ގްރީން އަށް ލީޑު ނަގައިދިނީ 43 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ރިލްވާން ވަޙީދު (ރިލޭ) އެވެ.

ރިލޭ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔޫވީގެ ޑިފެންޑަރު ޝިފާން ހަސަން އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ރިލޭ ކާމިޔާބުކުރީ ވަރށް ހިތްގައިމު ޕެނަލްޓީއަކުންނެވެ. މިއީ ރިލޭ މި ސީޒަނުގައި ޖެހި ތިންވަނަ ލަނޑެވެ. ޔުނައިޓެޑް ވިކްޓްރީން ލަނޑުޖަހަން އެޓީމުގެ ޢަބްދުﷲ އާމިން ޢަލީއަށް ލިބުނު ފުރުސަތުގައި މާ ރަނގަޅަށް ބޮލުން ފޮނުވައި ނުލެވުނުއިރު، ސަމާހު އަހުމަދު ގްރީންގެ ކުޅުންތެރިއެއް ކައިރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ގްރީންގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ހަސަން ނަޒީމް (ޗޯޓު) އެވެ. މި މޮޅާއެކު ގްރީން ސްޓްރީޓްސް ވަނީ މުބާރާތުގެ ލީގު ބުރުގެ ދެވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި އޮތީ އިއްޔެ ހަވީރު ދަ ގްރާންޑޭ ބަލިކުރި ވެލެންސިއާއެވެ. ތިންވަނައިގައި އޮތް މާޒިޔާ ވެސް ގްރީން އާ އެއްވަރަށް ހަ ޕޮއިންޓު ލިބޭއިރު، ގްރީން އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ޔޫވީ ކުޅުނު ތިން މެޗުން އެ ޓީމަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.