ޚަބަރު

ހަމަނުޖެހުން ބޮޑުވެފައިވަނިކޮށް ޢައްބާސް އިސްރާއީލަށް


ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިންތިހާއަށް އިތުރުވެފައިވަނިކޮށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އިސްރާއީލަށް ވަޑައިގެންފިއެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި އިސްރާއީލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޢައްބާސްވަނީ ޔަހޫދީންގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސާ ބައްދަލުކުރައްވައި އިޤްތިޞާދީ ގޮތުންނާއި ދިފާޢީ ދާއިރާއިން ގުޅުންބަދަހިކޮށް އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވައިފައެވެ. އަދި ފަލަސްޠީނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ޒަމާންވީ މައްސަލަތައް ޙައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާމެދުވެސް ދެ ބޭފުޅުންވަނީ މަޝްވަރާކޮށްފައެވެ.

ފަލަސްޠީނާއި އިސްރާއީލާ ދެމެދު ޞުލްޙަވުމަށް 2014ވަނަ އަހަރުގެ ފަހުން އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ. ޢައްބާސާ ބައްދަލުކުރެއްވުމަށްފަހު ގެންޓްސް ވިދާޅުވެފައިވަނީ ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމަށާއި ނުރައްކާތެރި ޙަމަލާތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ޢައްބާސާއެކު މަޝްވަރާކުރެއްވިކަމަށެވެ. އެއީ ޢައްބާސާއި ގެންޓްސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ދެވަނަ ފަހަރެވެ. ޔަހޫދީންގެ ދިފާޢީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ގެންޓްސްވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ރާމަﷲގައި ޢައްބާސާ މީގެ ކުރިން ބައްދަލުކުރައްވައިފައެވެ.

ފަލަސްޠީނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޢައްބާސް އިސްރާއީލަށް ވަޑައިގެންފައިވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 300އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވަނިކޮށެވެ. ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ޢައްބާސްގެ ދަތުރުފުޅު ކުށްވެރިކޮށްފައެވެ.