ޗައިނާގެ މެދުތެރޭގައި އޮންނަ ޝާންޝީ ޕުރޮވިންސްގެ ވެރިރަށް ޝިއަންގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކޮށްފައި އޮންނަތާ ހަފުތާއެއް ވެއްޖެއެވެ.
ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝިއަނުންވަނީ ކޯވިޑް-19 ޖެހިފައިވާ 151 މީހުން ފެނިފައެވެ. އެ މުއްދަތުގެ ތެރޭގައި ޗައިނާގެ އެހެން ސަރަޙައްދުތަކުން ބަލިޖެހިފައިވަނީ އެންމެ މީހަކަށްށެވެ. 13 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޝިއަންގައި ޑިސެންބަރު 9ން 28އަށް 1،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ނަމަވެސް އެ މީހުންނަށް ޖެހިފައިވަނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯނެއް ނޫންކަމަށް ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ޗައިނާގެ ޝިއަންގައި ކޯވިޑް-19 ފެތުރޭ މިންވަރު ނިޞްބަތުން ދަށެވެ. ނަމަވެސް ޗައިނާއިންވަނީ ޝިއަންގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން ޝިއަނުން ދަތުރުކުރުމާއި އެ ރަށަށް އެތެރެވުންވަނީ މަނާކޮށް އެ ރަށުގައި ދިރިއުޅޭ މީހުން ބައްޔަށް ތަޙްލީލުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އަދި އެ ރަށުގައި ދިރިއުޅޭ މީހުން ބައްޔަށް ތަޙްލީލުކޮށް ނިމެންދެން ބާޒާރުކުރުންފަދަ ކަންކަމުގައި ގެއިން ބޭރަށް ނުކުތުންވެސްވަނީ މަނާކޮށްފައެވެ.
ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި ޗައިނާގައި 101,683 މީހުންވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 4,636 މީހުންވަނީ މަރުވެފައެވެ.