ޚަބަރު

އިންޑޮނޭޝިޔާއަށް ބީހުނު ރޮހިންޔާ މުސްލިމުން ދަތުރުކުރި ބޯޓު މީހުންނާއެކު ފޮނުވާލަނީ


ކަނޑުމަތީގައި ޙާލުގައި ޖެހި އިންޑޮނޭޝިޔާގެ ހުޅަނގު އުތުރުގައި އޮންނަ އަޗޭ ޕުރޮވިންސަށް ބީހުނު ބޯޓުން ދަތުރުކުރި ރޮހިންޔާ މުސްލިމުން އެއްގަމަށް ފެއިބުން މަނާކޮށްފިއެވެ.

އިންޑޮނޭޝިޔާގެ ސަރުކާރުން ބުނެފައިވަނީ ބޯޓުން ދަތުރުކުރި މީހުންނަށް ރައްކާތެރިކަމާއި ޙިމާޔަތް ދެވެން ނެތްކަމަށާއި އެ މީހުން ފޮނުވާލުމަށް ނިންމާފައިވާކަމަށެވެ. އެ ބޯޓު އެންމެ ފުރަތަމަ ފެނުނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ މަސްވެރިންނަށެވެ. އެ ބޯޓުގައި އަންހެނުންނާއި ކުޑަކުދިންނާއެކު 120އަށްވުރެ ގިނަ މީހުން ތިބިކަމަށް އިންޑޮނޭޝިޔާއިންވަނީ ބުނެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ކަނޑުމަތީގައި ތިބޭތާވަނީ 28 ދުވަސްވެފައެވެ، އަދި އޭގެ ތެރެއިން ބައެއް މީހުން ބަލިވެ އެކަކު މަރުވެފައިވެއެވެ.

އިންޑޮނޭޝިޔާގެ ސަރުކާރުން ބުނެފައިވަނީ ރޮހިންޔާ މުސްލިމުންނަކީ އެ ޤައުމުގެ ރަށްވެހިން ނޫންކަމަށާއި އެއްވެސް ހަމައެއް އުޞޫލެއް ނެތި އެ މީހުންނަށް އިންޑޮނޭޝިޔާއަށް އެތެރެވުމުގެ ޙުއްދަ ނުދެވޭނެކަމަށެވެ. ނަމަވެސް އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި އެ މީހުން ދަތުރުކުރަމުންދިޔަ ބޯޓަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށްދޭނެކަމަށްވެސް އެ ޤައުމުންވަނީ ބުނެފައެވެ. އެ ގޮތުން ބޯޓުގައި ތިބި މީހުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށްފަހު އެ މީހުން ފޮނުވާލުމަށް ނިންމާފައިވާކަމަށް އިންޑޮނޭޝިޔާއިންވަނީ ބުނެފައެވެ.

އިންޑޮނޭޝިޔާއަކީ 1951ވަނަ އަހަރުގެ ތެރޭގައި އެކުލަވާލި ރެފިޔުޖީންނާބެހޭ މުޢާހަދާގައި ސޮއިކޮށްފައިވާ ޤައުމެއް ނޫނެވެ. ނަމަވެސް އިންޑޮނޭޝިޔާ ވެފައިވަނީ އެހެން ޤައުމުތަކުން ރަށްވެހިކަން ހޯދުމުގެ ކުރިން ދަތުރުކުރާ ޤައުމަކަށެވެ. ކޮންމެ އަހަރެއްގެ ނޮވެންބަރު މަހާއި އޭޕުރިލް މަހާ ދެމެދު ކަނޑުމަގުން އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ތައިލޭންޑަށް ރޮހިންޔާ މުސްލިމުން ދަތުރުކުރެއެވެ.

ރޮހިންޔާ މުސްލިމުން ނިޞްބަތްވަނީ މިޔަންމާއަށެވެ، ނަމަވެސް 2017ވަނަ އަހަރުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް 730،000އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުންވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ހިޖުރަކޮށްފައިވަނީ ބަންގްލަދޭޝަށެވެ. ނަމަވެސް އެ ޤައުމުގައި ރޮހިންޔާ މުސްލިމުންނަށް ދިމާވައި ދަތި ޙާލަތްތަކުން ސަލާމަތްވުމަށް ކުދި ބޯޓުތަކަށް އަރައިގެން އެތައް ސަތޭކަ ބަޔަކުވަނީ ފުރައިފައެވެ. ބަންގްލަދޭޝަށް ދިމާވެފައިވާ ރޮހިންޔާ މުސްލިމުންގެ މައްސަލަ ޙައްލުކުރުމަށް އެ ޤައުމުންވަނީ އެއްވެސް ވަޞީލަތެއް ނެތް ވަކިން އޮންނަ ރަށެއްގައި ރޮހިންޔާ މުސްލިމުން އާބާދުކުރަން ފަށައިފައެވެ. ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އެ ރަށުގައި ވަޒަންވެރިކުރުވާފައިވާ ގިނަ ޢަދަދެއްގެ ރޮހިންޔާ މުސްލިމުންވަނީ މުޒާހަރާކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ.