ޚަބަރު

އެފްރިކާގެ ބައެއް ޤައުމުތަކުން ދަތުރުނުކުރެވޭ ނިންމުން މެލޭޝިޔާއިން ބާޠިލްކޮށްފި


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު އެފްރިކާގެ ޤައުމުތަކުން ދަތުރުނުކުރެވޭ ގޮތަށް ނިންމާފައިވާ ނިންމުން މެލޭޝިޔާއިން އުވާލައިފިއެވެ.

މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ އެފްރިކާގެ 8 ޤައުމަކުން ދަތުރުކުރާ މީހުންނަށް އެ ޤައުމަށް އެތެރެނުވެވޭނެކަމަށް މީގެ ދެތިން ހަފުތާ ކުރިން ނިންމައިފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާއާއި ޒިންބާބުވޭއާއި މޮޒަންބީކާއި މަލާވީ ހިމެނެއެވެ. ނަމަވެސް އެ ނިންމުން އުވާލުމަށްފަހު މެލޭޝިޔާއިން ބުނެފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން އޮމިކްރޯން ފެނިފައިވާކަމަށާއި ވަކި ޤައުމުތަކެއް އިސްތިސްނާކުރެވެން މިހާރު ނެތްކަމަށެވެ.

މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި އޮމިކްރޯން ޖެހިފައިވާ އެތައް ސަތޭކަ މީހުން އެ ޤައުމުން ފެނިފައެވެ. އެ ގޮތުން ޑިސެންބަރު މަހުގެ 21ވަނަ ދުވަހުން 25ވަނަ ދުވަހާ ދެމެދު އެ ޤައުމަށް ދަތުރުކޮށްފައިވާ މީހުންގެ ތެރެއިން 306 މީހުންނަށް އޮމިކްރޯން ޖެހިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. އެއާއެކު ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސެއް ނުވަތަ ބޫސްޓަރ ޑޯސެއް ޖެހުމަކީ މުޙިއްމު ކަމެއްކަމަށާއި އެ މަސައްކަތް ހަލުވިކުރަން ޖެހޭކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އެ ގޮތުން ދެވަނަ ޑޯސް ފުރިހަމަކުރާތާ ތިން މަސްދުވަސް ފަހުން ތިންވަނަ ޑޯސެއް ޖެހޭނެކަމަށް އެ ވުޒާރާއިންވަނީ ނިންމައިފައެވެ.