ޚަބަރު

ތުރުކީވިލާތުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު %30 އިތުރުވެއްޖެ


ތުރުކީވިލާތުގައި ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު %30 އިތުރުވެއްޖެއެވެ.

ތުރުކީވިލާތުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 26،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އެއީ މީގެ ދެތިން ހަފުތާއަށްވުރެ %30 އިތުރުވުމެކެވެ. އެ ގޮތުން ޑިސެންބަރު މަހުގެ ފުރަތަމަ ހަފުތާގައި އެ ޢަދަދުތައް ހުރީ 20،000އަށްވުރެ ދަށުގައެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހަށްވުރެ ދަށް ޢަދަދެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ދުވާލަކު 30،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތުރުކީވިލާތުގައި ބަލިޖެހިގެން 157 މީހުންވަނީ މަރުވެފައެވެ. އެއީ އޭގެ ކުރީ ދުވަހު އެ ޢަދަދު ހުރީ 173ގައެވެ.

ތުރުކީވިލާތުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި ކޯވިޑް-19 ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާކަމަށާއި ވެކްސިންގެ ތިންވަނަ ޑޯސެއް ނުވަތަ ބޫސްޓަރ ޑޯސެއް ޖެހުން ވަރަށް މުޙިއްމުކަމަށެވެ. އަދި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ %10އަށް ޖެހެނީ އޮމިކްރޯންކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް ތުރުކީވިލާތުންވަނީ އަމިއްލަ ވެކްސިންނެއް އުފައްދައިފައެވެ. ތުރުކޮވެކުގެ ނަން ދީފައިވާ ވެކްސިން ބޭނުންކުރާނީ ކުއްލި ޙާލަތްތަކުގައިކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. އެ ޤައުމުގައި ޢާއްމުކޮށް ބޭނުންކުރަނީ ޗައިނާގެ ސިނޮވެކް ވެކްސިންނާއި ފައިޒަރ ވެކްސިންނެވެ.