ޚަބަރު

އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހެނީ


އޮސްޓުރޭލިޔާގެ ސުޓޭޓުތަކުގެ ސަރަޙައްދީ ރޮނގުތައް ބަންދުކުރުމާ ގުޅޭގޮތުން ބަހުސްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އެ ޤައުމުގައި ފާއިތުވި ދެ ދުވަހުވެސްވަނީ 11،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިމަޑުކަމުގައި ފަސް މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ 2،200އަށް އިތުރުވެފައެވެ.

ދެ އަހަރުދުވަހަށްފަހު އޮސްޓުރޭލިޔާގެ ސަރަޙައްދީ ރޮނގު ހުޅުވާލުމާއެކު ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ ހަލުވިކަމާއެކު އެ ޤައުމުގައި ފެތުރެން ފަށައިފައެވެ. އެއާއެކު އެ ޤައުމުގެ ސުޓޭޓުތަކުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެ ގޮތުން ޢާއްމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކުރުމާއި ޢާއްމު ތަންތަނުން ޚިދުމަތްތައް ފޯރުކޮށްދޭ މީހުންގެ ޢަދަދު މަދުކުރުމާއި ޚިދުމަތް ދިނުމުގެ ކުރިން ކޯވިޑް-19ގެ ޙާލަތާއި ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރުމަށްވަނީ އަންގައިފައެވެ. އެ ފިޔަވަޅުތައްވަނީ އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ދެ ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސާއި ވިކްޓޯރިޔާގައި ތަންފީޒުކޮށްފައެވެ.