ޚަބަރު

މާކުން އުފެއްދި ކޯވިޑް-19ގެ ބޭސް ގުޅަ އިންޑިޔާގައި ބޭނުންކުރަނީ


އެމެރިކާގެ ބޭސް އުފައްދާ ކުންފުނި މާކުން ބާޒަރަށް ނެރެފައިވާ ކޯވިޑް-19ގެ ބޭސް ގުޅަ ބޭނުންކުރުމުގެ ޙުއްދަ އިންޑިޔާއިން ދީފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ މާކުން އުފެއްދި ކޯވިޑް-19ގެ ބޭސް ގުޅަ އިންޑިޔާގައި ބޭނުންކުރަނީ ކުއްލި ޙާލަތްތަކުގައިކަމަށެވެ. އެ ގޮތުން މާކުގެ ޚާއްޞަ ޙުއްދައެއްގެ ދަށުން އެ ބޭސް ގުޅަ އިންޑިޔާގެ 13 ކުންފުންޏަކުން އުފައްދަންވަނީ ނިންމައިފައެވެ. އެ ބޭސް ގުޅައިގެ އިތުރުން ސީރަމު އިންސްޓިޓިއުޓު އޮފް އިންޑިޔާއިން އުފައްދާފައިވާ ކޮވޮވެކްސް ވެކްސިންނާއި އިންޑިޔާގެ ބަޔޮލޮޖިކަލް އީ ލިމިޓެޑުން އުފައްދާފައިވާ ކޯބެވެކްސް ވެކްސިން ބޭނުންކުރުމުގެ ޙުއްދަވެސް އެ ވުޒާރާއިން ދީފައިވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް ބޭހަކަށާއި އިތުރު ވެކްސިންނަށް އިންޑިޔާއިން ޙުއްދަ ދީފައިވަނީ އެ ޤައުމުގައި ބަލިމަޑުކަމުގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަދި ބަލިމަޑުކަމުގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމަށް ނިންމައި އިންޑިޔާގެ ސަރުކާރުންވަނީ އެ ޤައުމުގެ ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަށް ގެނައުމަށް ނިންމައިފައެވެ.

އިންޑިޔާއިންވަނީ ޖަނަވަރީ މަހުގެ 3ވަނަ ދުވަހުން ފެށިގެން ޢުމުރުން 15 އަހަރާއި 18 އަހަރުގެ ކުދިންނަށް ވެކްސިން ދިނުމަށް ނިންމައި ޖަނަވަރީ މަހުގެ 10ވަނަ ދުވަހުން ފެށިގެން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށާއި ޞިއްޙީ ޚިދުމަތްތެރިންނަށް ވެކްސިންގެ ތިންވަނަ ޑޯސެއް ނުވަތަ ބޫސްޓަރ ޑޯސެއް ދިނުމަށް ނިންމައިފައެވެ.