ޚަބަރު

މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރަނީ ރައްޔިތުންނަށްދޭ ޚިދުމަތް ފުޅާކުރުން މުހިއްމުވާތީ: ރައީސް


މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަކީ ބުރަ އަދި ގިނަ ދުވަހުން ކުރެވޭ މަސައްކަތަކަށްވީނަމަވެސް، އޭގެ ސަބަބުން ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖްތިމާޢީ ޚިދުމަތްތަކެއް، ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވަޢުދުވެގެންކަމަށާއި، އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ފުރިހަމަކުރެވޭނެ ވަޢުދުތަކެއް ނޫންކަމުގައެވެ.

"މި ސަރުކާރުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާ ޙާޞިލްކޮށް އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، އެއް މިސްރާބަކަށް ދަތުރުކޮށްގެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުވައްޒަފުން ތަމްރީނުކުރުމާއި، ޤާބިލު މީހުން ބިނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަން އެމަނިކުފާނު ގެންދަވަނީ އެކި ޕްލެޓްފޯމްތަކުގައި ފާހަގަކުރައްވައި، އެކަންކަމަށް އަމަލީ ސިފަވެސް ގެންނަމުންނެވެ. އެގޮތުން ދުރުންދޭ ތަޢުލީމުގެ ފުރުޞަތު ފުޅާކޮށް، ކޮންމެ ރަށެއްގައި ހުރެގެންވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށާއި، ކިޔަވާން ބޭނުން ކޮންމެ ޢުމުރު ފުރައެއްގެ ކޮންމެ ދިވެހި ރައްޔިތަކަށް ފަހިކޮށްދިނުމަކީ ތައުލީމީ ޖީލެއް ބިނާކުރެއްވުމަށް ރައީސް ޞާލިހު ފެއްޓެވި މުހިއްމު މަސައްކަތްޕުޅެކެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 10 ހާހަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައެވެ. މީގެ ތެރެއިން ކޮންމެ އިދާރީ ދާއިރާއަކަށް ނިސްބަތްވާ ވަކިއަދަދަކަށް ޒުވާނުންނަށް ފުރުސަތު ދިނުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި އެކި ދާއިރާތަކުން ހުނަރުވެރިން ބިނާކުރުމަށްވެސް ސަރުކާރުގެ ކުންފުނިތަކާއި ޢިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމު ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސިޔާސީ މަޤާމުތަކަށް ޢައްޔަން ކުރައްވާފައިވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.