ޚަބަރު

ފަރަންސޭސިވިލާތުގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިއްޖެ


ފަރަންސޭސިވިލާތުގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިއްޖެއެވެ. އެ ގޮތުން އެ ޤައުމުގައި ފުރަތަމަ ފަހަރަށްވަނީ އެއް ދުވަހުގެ ތެރޭގައި 100،000 މީހުންނަށް ބަލިޖެހިފައެވެ. އަދި ފާއިތުވި ތިން ދުވަހުވެސް އެ ޤައުމުގައިވަނީ ރެކޯޑު ޢަދަދެއްގެ ބަޔަކަށް ބަލިޖެހިފައެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 104,611 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ފަރަންސޭސިވިލާތުގައި ހަލުވިކަމާއެކު ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ބެލެވޭކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ފަރަންސޭސިވިލާތުގެ ސަރުކާރުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސެއް ނުވަތަ ބޫސްޓަރ ޑޯސެއް ޖެހުމަށް އެ ޤައުމުގެ 18 އަހަރުން މަތީގެ މީހުންނަށް އިލްތިމާޞްކޮށްފައެވެ. އަދި ފަރަންސޭސިވިލާތުގައި ދޫކުރައި ޞިއްޙީ ފާސް ދޫކުރަނީ ބޫސްޓަރ ޑޯސް ޖަހާފައިވާ މީހުންނަށްކަމަށްވެސް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ. ފަރަންސޭސިވިލާތުގައި ޢާއްމު ޚިދުމަތްތައް ހޯދައި ޤައުމުން ބޭރަށް ދަތުރުކުރެވޭނީ ޞިއްޙީ ފާސް އޮންނަ މީހުންނަށް އެކަންޏެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އާދަޔާ ޚިލާފު ހަލުވި މިނެއްގައި ފަރަންސޭސިވިލާތުގައިވަނީ ބަލިފެތުރެން ފަށައިފައެވެ. އެ ގޮތުން ޑިސެންބަރު މަހުގެ 4ވަނަ ދުވަހު އެ ޤައުމުގައި ފުރަތަމަ ފަހަރަށް އެއް ދުވަހުގެ ތެރޭގައި 50،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި އޭގެ ތިން ހަފުތާފަހުން އެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ.

ފަރަންސޭސިވިލާތުގައި ޖުމުލަ 9.03 މިލިޔަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 123،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގެ އާބާދީގެ %73 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ.