ޚަބަރު

އަފްޣާނިސްތާނުގެ އިންތިޚާބުތަކާބެހޭ އިދާރާ އުވާލައިފި


އަފްޣާނިސްތާނުގެ އިންތިޚާބުތަކާބެހޭ އިދާރާ އުވާލައިފިއެވެ.

2006ވަނަ އަހަރު ޤާއިމުކުރި އަފްޣާނިސްތާނުގެ އިންތިޚާބުތަކާބެހޭ އިދާރާއިންވަނީ އެ ޤައުމުގައި ހުޅަނގުގެ ތާޢީދު އޮންނަ ސަރުކާރުތައް އިންތިޚާބުކުރުމުގައި މުޙިއްމު ދަޢުރެއް އަދާކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުންވަނީ އެފަދަ އިދާރާއެއް މިހާރު އޮތުމަކީ ބޭނުން ހުރި ކަމެއް ނޫންކަމަށް ބުނެފައެވެ. އެހެންކަމުން އެ އިދާރާ އުވާލާފައިވާކަމަށާއި ބޭނުމެއް ޖެހިއްޖެ ޙާލަތެއްގައި އަލުން އެ އިދާރާ ޤާއިމުކުރާނެކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނައި ގޮތުގައި އަފްޣާނިސްތާނުގެ އިންތިޚާބުތަކާބެހޭ އިދާރާ އުވާލުން ދައްކުވައިދެނީ ދިމީޤްރާޠީ ހަމަތައް ޠާލިބާނުން ޤަބޫލުނުކުރާކަންކަމަށާއި އެ ނިންމުމުގެ ނަތީޖާ ގޯސްވާނެކަމަށެވެ. އަދި ޠާލިބާނުން މަސައްކަތްކުރަނީ ބާރުގެ ބޭނުންކޮށްގެން އަފްޣާނިސްތާނުގައި ވެރިކަންކުރަންކަމަށްވެސް ތަޖުރިބާކާރުން ބުނެފައިވެއެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައުމަށްފަހު އެ ޖަމާޢަތުންވަނީ އެ ޤައުމު ބައެއް މުޙިއްމު އިދާރާތައް އުވާލައިފައެވެ. އެ ގޮތުން އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އުފައްދާފައިވާ ވުޒާރާއި ޤާނޫނުހަދާ މަޖިލީހުގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ވުޒާރާއި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް އުފައްދާފައިވާ ވުޒާރާވަނީ އުވާލައިފައެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައުމުގެ ކުރިން ހަނގުރާމަވެރި ޖަމާޢަތްތަކުން ދިން ޙަމަލާތަކުގައި އެ ޤައުމުގެ އިންތިޚާބުތަކާބެހޭ އިދާރާގެ ބައެއް މެންބަރުންވަނީ މަރުވެފައެވެ.