ކުޅިވަރު

އަފްޣާން ރައްޔިތުންނަށްޓަކާ ކުޅުންތެރިން ސީރިއަސް – އަފްޣާން ކޯޗު


އަފްޣާނިސްޠާން ރައްޔިތުންނަށްޓަކާވެސް ޓީމްގެ ކުޅުންތެރިން މާދަމާގެ މެޗަށް ވަރަށް ސީރިއަސްކަމަށް އަފްޣާނިސްޠާން ޓީމްގެ ކޯޗު ޕީޓަރ ސެގަރޓް ބުނެފިއެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ބުނީ މުޅީ އަފްޣާނިސްޠާންގެ ރައްޔިތުންގެ ޝައުޤުވެރިކަން މިވަގުތު އޮތީ ފުޓްބޯޅައަށް ކަމަށެވެ." އަހަރެމެން ކުޅޭނީ އަފްޣާނިސްޠާނުގެ ރައްޔިތުންނަށް ޓަކާ. މެޗަށް ވަރަށް ސީރިއަސް. މިދިޔަ ދުވަސްތަކުގައި ހިނގާދިޔަ ކަންތައްތަކަކަށް ނޫން އަފްޣާނިސްޠާން ރައްޔިތުންގެ ސަމާލުކަން ހުރީ. ޤަބޫލުކުރަން ދަތި ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގާފައިވީނަމަވެސް މުޅީ އަފްޣާނިސްޠާންގެ ޝައުޤުވެރިކަން މިވަގުތު ހުރީ ފުޓްބޯޅައަށް. އެހެންކަމުން މެޗު އަހަރެމެންނަށް ވަރަށް މުޙިއްމު." ކޯޗު ބުންޏެވެ.އޭނާ އިތުރަށް ބުނީ އުނދަގޫތަކަކަކަށްފަހު އެއް މެޗުން މޮޅުވެގެން ސެމީއަށް އައި ސްރީލަންކާއާއި މެދު ސީރިއަސްވާނެކަމަށާއި، މާޒީއާއި ކުރިމަގަށް ނުވިސްނާކަމަށެވެ. އަދި ވިސްނުން ހުރީ ހަމައެކަނި ސްރީލަންކާއާއި ދެކޮޅަށް މާދަމާ ކުޅޭ މެޗަށްކަމަށެވެ." މިވަގުތު އަހަރެމެންނަށް ސްރީލަންކާއަށް ވުރެ މުޙިއްމު އެހެންކަމެއް ނެތް. މާޒީ ނުވަތަ ކުރިމަގު މުޙިއްމެއް ނޫން. ސްރީލަންކާ އޮތީ ސެމީގައި. އަހަރެމެން މާދަމާ ނިކުންނާނީ ވަރަށް ސީރިއަސް މެޗަކަށް." ކޯޗު ބުންޏެވެ.ކޯޗު އިތުރަށް ބުނީ ޓީމްގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ކުޅުންތެރިން މެޗަށް ތައްޔާރުކަމަށެވެ.ޕްރެސް ކޮންފަރެންސް ނިންމާލަމުން ކޯޗު ބުނީ އެމީހުން ބޭނުންވަނީ ވަރލްޑްކަޕް ކުޅެންކަމަށާއި، ޓީމާއި ރައްޔިތުންގެވެސް އުއްމީދަކީ އެހިސާބަށް ދިއުންކަމަށެވެ. އަދި އެކަން ހާޞިލްނުވާންވީ ސަބަބެއްނެތްކަމަށްވެސް އޭނާ ބުންޏެވެ.ރާއްޖެ ގަޑިން މާދަމާ ހަވީރު 18:00 ގައި ފަށާ މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.