ކުޅިވަރު

ހަރްބަޖަން ސިންގ ކްރިކެޓް ކުޅުން ހުއްޓާލައިފި


އިންޑިއާގައި އުފެދުނު ފާހަގަ ކޮށްލެވޭ ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަރްބަޖަން ސިންގ ކްރިކެޓް ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.

ހަރްބަޖަން ސިންގ އޭނާގެ ޓްވިޓަރ ގައި ބުނެފައިވަނީ ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ ކަމަށާއި އެގޮތުން މިއަދު އޭނާއަށް އެންމެ ބޮޑު އަފަލެއް ލިބިދޭ ކްރިކެޓަށް އޭނާ އަލްވަދާއު ކިޔާކަމަށެވެ. އަދި އޭނާ ކްރިކެޓްގައި ހޭދަކުރި 23 އަހަރުގެ ދިގު ކެރިއަރ އުފާވެރި އަދި ހަނދާނުން ފޮހެވިގެން ނުދާވަރުގެ ކެރިއަރަކަށް ހަދައިދިން އެންމެންނަށް އޭނާވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އުމުރުން 41 އަހަރުގެ ހަރްބަޖަން ސިންގ އެންމެފަހުން އިންޑިއާ ޤައުމީ ޓީމަށް ކުޅެފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި ކްލަބް ލެވެލްގައި އޭނާ އެންމެ ފަހުން ކުޅެފައިވަނީ މިއަހަރުގެ އެޕްރީލް މަހު އިންޑިއަން ޕްރިމިއަރ ލީގުގެ ކޮލްކަޓާ ނައިޓް ރައިޑަރސްއަށެވެ.

އޭނާ އިންޑިއާއަށް ކުޅެދިން 367 މެޗްގައި ވަނީ 417 ޓެސްޓް ވިކެޓް، އެއްދުވަހުގެ ބައިނަލްއަޤްވާމީ މެޗްތަކުގައި 269 ވިކެޓް އަދި ޓީ ޓުވެންޓީ މެޗްތަކުގައި 25 ވިކެޓް ނަގައިދީފައެވެ. ހަރްބަޖަން ސިންގ އިންޑިއާ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 1998 ވަނަ އަހަރެވެ. އަދި އިންޑިއާ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ވިކެޓަކީ އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗްގައި ކާމިޔާބުކުރި ގްރެގް ބްލެވެޓްގެ ވިކެޓެވެ. ހަރްބަޖަން ސިންގ ބެލެވިފައިވަނީ މުޅި ދުނިޔެއަށް ބަލާލާއިރުވެސް 14 ވަނައަށް އެންމެ ގިނަ ވިކެޓް ނަގާފައިވާ ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި އިންޑިއާއަށް ބަލާލާއިރު އޭނާގެ ނަން އަންނަނީ އަނިލް ކޫމްލޭ، ކަޕިލް ދޭވް އަދި ރަވީޗަންދްރަން އަޝްވިންގެ ފަހަތުން ހަތަރުވަނައަށެވެ.

2011 ވަނަ އަހަރު 50 އޯވަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރި އިންޑިއާ ޓީމްގައި އެފަހަރު ހިމެނި އޭނާ ވަނީ 9 ވިކެޓް ނަގައިދީފައެވެ. އަދި އޭގެ ކުރިން 2007 ވަނަ އަހަރުގެ ޓީ 20 ވާރލްޑް ކަޕްގައި އޭނާވަނީ ހަތް ވިކެޓް ނަގައިދީފައެވެ. އަދި ހަރްބަޖަން ސިންގއަކީ އައިޕިއެލްގައިވެސް ފަސްވަނައަށް އެންމެ ކާމިޔާބު އުކުންތެރިޔާއެވެ. މިގޮތުން 163 މެޗްގައި އޭނާވަނީ 150 ވިކެޓް ނަގާފައެވެ. އަދި މުންބާއި އިންޑިއަންސް އާއެކު ތިން ފަހަރު އައިޕީއެލް ކާމިޔާބުކޮށްފާ ވާއިރު ޗެންނާއި ސުޕަރ ކިންގްސް އާއެކު އެއްފަހަރު އެތަށި އުފުލާލާފައެވެ.