ޚަބަރު

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ޚިޔާލު ފާޅުކުރުމާ ދެކޮޅު ކަމެއް: ޕުޓިން


ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ މުޅިން ދެކޮޅު ކަމެއްކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި ހަޖޫޖެހުމަކީ ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމުގެ ތެރޭގައި ހިމެނޭނެކަމެއް ނޫންކަމަށާއި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތަކުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުފަރަތު އުފެދި މަޞްލަޙަތު ގެއްލޭ ކަންކަން ކުރިމަތިލާން ޖެހޭނެކަމަށެވެ. ޕުޓިން ވިދާޅުވީ ޚިޔާލު ފާޅުކުރުމަކީ ބައެއްގެ ހިތުގައި ޖައްސުވައި އެ މީހުންނަށް އިޚްތިރާމު ނުކުރުންކަމަށް ޤަބޫލުނުކުރައްވައިކަމަށެވެ. އަދި ކާޓޫނު ކުރަހައިގެން ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވަމުން ޕުޓިންވަނީ ފަރަންސޭސިވިލާތުގެ ނޫހެއްކަމަށްވާ ޗާލީ ހެބްދޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރަޝިޔާއަކީ ތަފާތު ދީންތަކަށް ނިޞްބަތްވާ މީހުން ދިރިއުޅޭ ޤައުމެއްކަމަށާއި އެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ މީހުންނަށް އިޚްތިރާމުކުރުމަކީ ރަޝިޔާގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއްކަމަށެވެ.

ރަޝިޔާގެ އާބާދީގެ %13 މީހުންނަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 10 މިލިޔަން މީހުންނެވެ.