ޚަބަރު

އިސްރާއީލަށް އިންޒާރެއް ދިނުމަށް އީރާނުން ވަރުގަދަ އަސްކަރީ ތަމުރީނުތަކެއް ބާއްވައިފި


އީރާނުގައި ވަރުގަދަ އަސްކަރީ ތަމުރީނުތަކެއް ބޭއްވީ އިސްރާއީލަށް އިންޒާރެއް ދިނުމަށްކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އީރާނުގެ އިންޤިލާބީ ފައުޖުން ވަރުގަދަ އަސްކަރީ ތަމުރީނުތަކެއް ބާއްވާފައިވަނީ އެ ޤައުމުގެ ނިޔުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ދީފައިވަނިކޮށެވެ. އީރާނުގެ އިންޤިލާބީ ފައުޖުން ބޭއްވި އަސްކަރީ ތަމުރީނުތަކުގައި އެންމެ ފަހުގެ ބެލިސްޓިކް މިސައިލާއި ކުރޫސް މިސައިލް ބޭނުންކޮށްފައިވެއެވެ. އަދި އަސްކަރީ ތަމުރީންތައް ނިންމާލުމުގެ ގޮތުން އެ މިސައިލުތަކުން ޙަމަލާދީ އިސްރާއީލުގެ ދިމޯނާ ނިޔުކްލިޔަރ ރިއެކްޓަރު ސިފަވާ ގޮތަށް ހަދާފައިވާ އަމާޒެއް ގޮށްވާލާފައިވެއެވެ.

އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވީ އެ ތަމުރީނުތަކުން އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ދައްކާލެވިއްޖެކަމަށާއި އެއީ އިސްރާއީލަށް ދިން ވަރުގަދަ އިންޒާރެއްކަމަށެވެ. އަދި އިސްރާއީލަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާކަމަށާއި ޔަހޫދީން ގޯސް ފިޔަވަޅެއް އަޅައިފިނަމަ އީރާނުން ވަރުގަދަ ރައްދެއް ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުން ބުނެފައިވަނީ އެކި މަރުކައިގެ 16 ބެލިސްޓިކް މިސައިލް ވަރަށް ކާމިޔާބުކަމާއެކު އަސްކަރީ ތަމުރީނުތަކުގައި ބޭނުންކޮށްފައިވާކަމަށެވެ.

އީރާނުން ބޭއްވި އަސްކަރީ ތަމުރީނުތަކުގައި ބެލިސްޓިކް މިސައިލް ބޭނުންކުރުމުން އިނގިރޭސިވިލާތުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އީރާނުގެ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތަށް ނުރައްކާވަމުންދާކަމަށާއި އެފަދަ ޢަމަލުތައް ވަޤުތުން ހުއްޓާލުމަށް ގޮވާލައިކަމަށެވެ. ރައްދުގައި އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިނގިރޭސިވިލާތުން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުޅައި ދާއިރާއެއްގައި މިސައިލް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ހިންގަނީ އީރާނުންނެވެ. އެ ޤައުމުން ބުނައި ގޮތުގައި 2،000 ކިލޯމީޓަރު ދުރުގައި އޮންނަ ޢަމާޒުތަކަށް އެ ޤައުމުގެ ބެލިސްޓިކް މިސައިލްތަކުން ޙަމަލާދެވޭނެއެވެ. އެ ގޮތުން އިސްރާއީލުގެ އިތުރުން މެދުއިރުމަތީގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާކަމަށް އީރާނުން ބުނެއެވެ.