ޚަބަރު

ބޫޓާނުގައި ބޫސްޓަރ ޑޯސް ދޭން ފަށައިފި


ބޫޓާނުގައި ބޫސްޓަރ ޑޯސް ދޭން ފަށައިފިއެވެ.

ބޫޓާނުގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސެއް ނުވަތަ ބޫސްޓަރ ޑޯސެއް ދޭން ނިންމީ ކޯވިޑް-19ގެ ނުރައްކާތެރި އަދި ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯނުން އެ ޤައުމުގެ ރައްޔިތުން ސަލާމަތްކުރުމަށްކަމަށެވެ. އެ ގޮތުން ބޫޓާނުގައި އެންމެ ފުރަތަމަ ބޫސްޓަރ ޑޯސް ދޭން ނިންމާފައިވަނީ 65 އަހަރުން މަތީގެ މީހުންނަށާއި ދިގު މުއްދަތައް ބޭސްކުރާ މީހުންނަށާއި ޞިއްޙީ ތަފާތު މައްސަލަތައް ހުންނަ މީހުންނަށާއި ޞިއްޙީ ޚިދުމަތްތެރިންނަށާއި ބޭރުން އަންނަ ދަތުރުވެރިންނަށެވެ. އެ ޤައުމުން މަސައްކަތްކުރަމުންދަނީ ހަފުތާއެއްގެ ތެރޭގައި 228,000އަށްވުރެ ގިނަ މީހުންނަށް ބޫސްޓަރ ޑޯސް ދިނުމަށެވެ.

ބޫޓާނުގެ ރޯޔަލް ސެންޓަރ ފޮރ ޑިސީސް ކޮންޓުރޯލް، އާރްސީޑީސީން ބުނެފައިވަނީ އެ ޤައުމުން އޮމިކްރޯން ޖެހިފައިވާ އެއްވެސް މީހެއް އަދި ނުފެންނަކަމަށެވެ. އަދި އޮމިކްރޯން ނުފެތުރޭކަން ޔަޤީންކުރުމަށް ގިނަ ތަޙްލީލުތަކެއް ކުރަމުންދާކަމަށްވެސް އާރްސީޑީސީން ބުނެފައިވެއެވެ. އެ ގޮތުން ބޫޓާނުންވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޢާއްމު ދަތުރުފަތުރަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް ބައްޔަން ކުރާ ތަޙްލީލުތައް އިތުރުކޮށްފައެވެ.

750،000އަށްވުރެ ގިނަ މީހުން ދިރިއުޅޭ ބޫޓާނުގެ 12 އަހަރުން މަތީގެ އާބާދީގެ %93 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯސް ފުރިހަމަކޮށްފައެވެ. އެ ޤައުމުގައި 2,659 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލީގައި 3 މީހުންވަނީ މަރުވެފައެވެ.