ކުޅިވަރު

އީޕީއެލްއާއި ކޯޗުންގެ މެދުގައި ބޭއްވި ބައްދަލުވުން ބޭކާރު - ކޮންޓޭ


ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެކަމާގުޅޭ މަޝްވަރާ ކުރުމަށް ޕްރިމިއަރ ލީގުން ބޭއްވި ބައްދަލުވުމަކީ ބޭކާރުވި ވަގުތު ތަކެއްގެ ގޮތުގައި ޓޮޓްނަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ސިފަކޮށްފިއެވެ.

މާދަމާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓޭ ބުނީ އެބައްދަލުވުމުގައި ހީވީ ކުރިމަތީ ހުރި ފާރަކާ ހުރިހާ ކޯޗުން ވާހަކަ ދައްކަމުންދިޔަ ކަމަށެވެ. އަދި ބައްދަލުވުން ބޭއްވިއިރުވެސް ޕްރިމިއަރ ލީގުން އެފަރާތުގެ ނިންމުން ނިންމާފައިވާކަމަށާއި، އެކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަމަށްވެސް ކޮންޓޭ ބުންޏެވެ. މިކަމާއި ގުޅޭގޮތުން ޕްރިމިއަރ ލީގުންވަނީ އެއްވެސް އެއްޗެސް ބުނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ބޮކްސިންގ ޑޭގެ މެޗްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މާދަމާގެ މެޗްތައް ކުރިއަށް ދާނެކަން އީޕީއެލްއިންވަނީ މިދިޔަ ހޯމަދުވަހު ހާމަކޮށްފައެވެ. ކޮންޓޭ ބުނީ އެބައްދަލުވުމުގައި ބައިވެރިވި ގިނަ ކޯޗުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރި ކަމަށާއި މިކަމަށް ހޯދޭނެ ހައްލަކީ ކޮބައިތޯ ބަލަން ބޭނުންވި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވިކަން ހާމަވިކަމަށެވެ.

މިބައްދަލުވުމުގައި އީޕީއެލްއިންވަނީ 13 ކުޅުންތެރިންނާއި ކީޕަރެއް ފިޓްކޮށް ތިބެއްޖެކަމަށްވާނަމަ އެޓީމަކުން މެޗް ކުޅެން ޖެހޭނެކަމަށް ނިންމާފައެވެ. ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުންދާ ނޯވިޗް ސިޓީގެ ކޯޗް ޑީން ސްމިތު ބުނީ މިބައްދަލުވުމަށް ދިޔައިރުވެސް ނިންމުންތައް ނިންމާފައިވާކަމަށެވެ. އަދި މުބާރާތް ކުރިއަށް ދާނެކަން ހާމަކޮށްފައިވުމާއެކު ދެން އޮތް ގޮތަކީ ތިބި ކުޅުންތެރިންނާއެކު ކުރެވުނު ކަމެއް ކުރުންކަމަށް އޭނާ ބުންޏެވެ. ކޯވިޑް-19ހެދި 14 ޑިސެމްބަރުން ފެށިގެން މިހާތަނަށް މެޗެއް ކުޅެފައިނުވާ ނޯވިޗްއިން 48 ގަޑިއިރުގެ ތެރޭގައި ދެމެޗް ކުޅެން ޖެހުމަކީ ބުއްދި ސަލާމަތުން ހުރެ ކުރަންވާވަރުގެ ކަމެއް ނޫންކަމަށް ނޯވިޗް ސިޓީގެ ކޯޗު ބުންޏެވެ. އަދި މިހާރުވެސް އެކްލަބްގެ ތެރެއިން ކޯވިޑް-19 ގެ އިތުރު ކޭސްތަށް ފެންނަމުންދާ ކަމަށާއި، އަދި މާދަމާގެ މެޗަށް ފިޓްކޮށް ތިބޭނީ ކޮންކުޅުން ތެރިންނެއް ކަމެއް ނޭނގޭކަމަށްވެސް ޑީން ބުންޏެވެ. ކްރިސްޓަލް ޕެލަސްގެ ކޯޗް ޕެތްރިކް ވިއޭރާ ބުނީ މިބައްދަލުވުން ބޭއްވި ބޭނުމެއް ނުވަތަ މިބައްދަލުވުމުން ނިންމި ނިންމުމެއް އޭނާއަށް ނޭނގުނު ކަމަށެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ކަންކަން ނިންމާ ފަރާތްތަކުން ކުޅުންތެރިންގެ ރައްކާތެރިކަމަށް ސީރިއަސްކޮށް ވިސްނަން ފަށާނީ ކުޅުންތެރިން ހަޅުތާލަކަށް ދިއުމުން ކަމަށް ގަބޫލް ކުރެވޭކަމަށެވެ. ނަމަވެސް މިއީ ކުޅުންތެރިން ކުރާނެކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އިސްވެރިން އަޑު އަހާނީ އެހާހިސާބަށް ކަންތައްތައް ދިއުމުން ކަމަށް ބަގޫލް ކުރާކަމަށް އޭނާ ބުންޏެވެ.