ޚަބަރު

އޮމިކްރޯން ފެތުރެން ފެށުމުން އިންޑިޔާގެ ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެން ފެށުމުން ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް ގެނައުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޢަމުރުކުރައްވައިފިއެވެ.

އިންޑިޔާގެ ސުޓޭޓުތަކުގެ ޗީފު މިނިސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި މޯދީވަނީ ޞިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް ގެނެސް އޮކްސިޖަން ފުޅިތައް ތައްޔާރުކޮށް އެއް ފަހަރާ ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ޤާއިމުކުރުމަށް ޢަމުރުކުރައްވައިފައެވެ. އިންޑިޔާގެ ސުޓޭޓުތަކުގެ ޗީފު މިނިސްޓަރުންނާ މޯދީ ބައްދަލުކުރައްވާފައިވަނީ އައު އަަހަރާ ދިމާކޮށް އެ ޤައުމުގައި ބޮޑެތި އެއްވުންތަކާއި ހަފުލާތަކާއި ބާޒާރުތައް ބާއްވަމުންދާ ދަނޑިވަޅެއްގައި އޮމިކްރޯން ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވަނިކޮށެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 236 މީހުންނަށް އޮމިކްރޯން ޖެހިފައިވާކަމަށެވެ. އެއީ މިދިޔަ ހަފުތާއަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ.

އިންޑިޔާގެ ސުޓޭޓުތަކުގެ ޗީފު މިނިސްޓަރުންނާ މޯދީ ބައްދަލުކުރެއްވުމުގެ ކުރިން އިންޑިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި އޮމިކްރޯނާ ދެކޮޅަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ބާރުއަޅައިފައެވެ. އެ ގޮތުން ރޭގަނޑުގެ ވަކި ގަޑިތަކެއްގައި ކާފިޔު އިޢުލާންކުރުމާއި ރަސްމީ އިދާރާތަކާއި ވިޔަފާރިތައް ހިންގުމަށް މަސައްކަތަށް ނުކުންނަ މީހުންގެ ޢަދަދު މަދުކުރުމާއި ޢާއްމު ދަތުރުފަތުރު ބޭނުންކުރާ މީހުންގެ ޢަދަދު މަދުކުރުމަށް އިންޑިޔާގެ ސަރުކާރުންވަނީ އިލްތިމާޞްކޮށްފައެވެ.

ޞިއްޙީ މާހިރުން ލަފާކުރައި ގޮތުގައި އޮމިކްރޯނުގެ ސަބަބުން ކޯވިޑް-19ގެ އިތުރު ރާޅަކާ އިންޑިޔާއިން ކުރިމަތިލާން ޖެހިއްޖެނަމަ އެ ޤައުމުގެ ޞިއްޙީ މަރުކަޒުތައް ފުރި ގިނަ ބަޔަކަށް ފަރުވާ ނުދެވި އެތައް ބައެއްގެ ފުރާނަ ގެއްލުން އެކަށީގެންވެއެވެ. މި އަހަރުގެ ކުރީކޮޅު އިންޑިޔާއިން ކުރިމަތިލި ކޯވިޑް-19ގެ ދެވަނަ ރާޅުގައި ދުވާލެއްގެ މައްޗަށް 400،000 މީހުންނަށް ބަލިޖެހި ދުވާލަކު އެތައް ހާސް ބަޔަކުވަނީ މަރުވެފައެވެ.

އެމެރިކާއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ގޮތުން އެ ޤައުމުގައި ގާތްގަނޑަކަށް 35 މިލިޔަން މީހުންނަށް ބަލިޖެހި 478،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.