ވިޔަފާރި

މަސްވެރިކަން ރަނގަޅުވެ މިފްކޯއިން މަސްކިރާ ޢަދަދު ލިމިޓްކޮށްފި


ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ލިބޭ މަހުގެ ޢަދަދު އިތުރުވެފައިވާތީ ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތައް އެ ކުންފުނިން ހަމަޖައްސައިފިއެވެ. މިފްކޯއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައިވާތީ މިފްކޯގެ ޕްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް އެ ކުންފުންޏަށް މަސް ލިބެމުންދާތީ މަސްކިރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.

މިފްކޯއިން ބުނީ ދޯނިފަހަރު ކިޔޫގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލެޓީގައި މަސް ގަންނަން ބޭނުންވާތީ މިމަހުގެ 23ވަނަ ދުވަހު ކިޔޫއަށްއެރި ދޯނިފަހަރުގެ މަސް ހުކުރު ދުވަހުވެސް ކިރަމުންދާކަމަށެވެ. އާންމުގޮތެއްގައި ހުކުރު ދުވަހަކީ މިފްކޯއިން މަސްކިރާ ދުވަހެއް ނޫނެވެ. ނަމަވެސް މަސްވެރިކަން ރަނގަޅުވެ ފާއިތުވި 4 ހުކުރު ދުވަހުވެސް މިފްކޯއިން ވަނީ މަސްކިރާފައެވެ.

ފާއިތުވެދިޔަ ދޮޅުމަސް ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރުތައް ފުރެމުންއަންނާތީ މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. ޕްލޭންކޮށްގެން މަސްގަތުމުގެ މަސައްކަތް ކުރިނަމަވެސް މަސްކިރަން އަންނަ ދޯނިފަހަރާއި އެދޯނިތަކުން ގެންނަ އަދަދުތައް މާބޮޑަށް ގިނަވެ މިހާރު ކިޔޫގައިހުރި ދޯނިފަހަރުގެ މަސް ކިރައި ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ 25 ޑިސެމްބަރ އިން ފެށިގެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތައް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ބުނެއެވެ. މިގޮތައް ހަމަޖެއްސި ނަމަވެސް މިހާރު ކިޔޫ ނަންބަރު ދީފައިހުރި ދޯނިފަހަރު މަސްކިރާ ނިމެންދެން އެދޯނިފަހަރުގެ މަސް ކޮންޓްރޯލް ނެތި ކިރަމުންދާނެއެވެ.

2020ވަނަ އަހަރު މިފްކޯއިން ގަނެފައިވަނީ 49،329 ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 56،198 ޓަނުގެ މަސް މިފްކޯއިން ވަނީ ގަނެފައެވެ. މި ޑިސެމްބަރ މަހުގެ މިހާހިސާބަށް މިފްކޯއިން ވަނީ 8،796 ޓަނުގެ މަސް ގަނެފައެވެ.