ޚަބަރު

ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަތުރުފުޅުގެ ރަސްމީބައި ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލައްވައިފިއެވެ.

ބުދަ ދުވަހު ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި ބަންގްލަދޭޝްގެ އިސްވެރިން ހިމެނޭ ވަފްދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުޙަބާ ދަންނަވާފައި ވަނީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ޝައިޚް ޙަސީނާއަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏ބުރާސްފަތި ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، އިއްޒުންދީން ފާލަމުން އެކަމަނާއަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރާއްޖެއާއި ބަންގްލަދޭޝް ސަރުކާރާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު، ދެ ބޭފުޅުންގެ ކުރިފުޅުމަތީގައި ދެޤައުމުގެ ދެމެދުގައި 4 އެއްބަސްވުމެއް ވަނީ ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކަކީ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" އާއި، "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް" އާއި، "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" އާއި އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓެވެ. މި އެއްބަސްވުންތަކުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ދެ ޤައުމުގެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާން ދެއްވައި ދެޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ތާރީޚީ ގުޅުމާއި އަވަށްޓެރި މި ދެ ޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކާއި އާދަކާދަތަކާއި އަދި ޙިއްޞާކުރާ އެއްގޮތްކަންތައްކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަރިހަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ވަނީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާވަނީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ރޭވަނީ ރަސްމީ ޖާފަތެއް ބާއްވަވާފައެވެ.