ޚަބަރު

4 ފުރޮޅުލީ އުޅަނދު ދުއްވާއިރު، ދެން ސީޓް ބެލްޓް އަޅަންޖެހޭނެ


30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި 4 ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ސީޓް ބެލްޓް އެޅުން މަޖްބޫރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ވިދާޅުވީ އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދުގައިވާ ގޮތަށް 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުޅަނދުގެ ކުރީ ސީޓުގައި އިންނަ ފަރާތްތަކުން ސީޓް ބެލްޓް އަޅަން ޖެހޭނެކަމަށެވެ. އަދި މި ނިންމުމާއި އެއްގޮތަށް އަމަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދުގައިވާ ގޮތުން 30 ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަޙައްދުތަކުގައި ނުވަތަ މަގުތަކުގައި ދެ ފުރޮޅުލީ އުޅަނދެއް ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަންޖެހޭނެއެވެ. އަދި ސައިކަލެއްގައި އުމުރުން 3 އަހަރުނުވާ ކުޑަކުދިން ނުވަތަ މީހެއްގެ އެހީއަކާ ނުލައި އިށީނދެގެން ނުއިނދެވޭވަރުގެ ކުޑަކުދިން އުފުލުމަކީ
މަނާކަމެކެވެ.

އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދުގައިވާ ގޮތުން ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިފިނަމަ އެކަމުގެ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ 2000 ރުފިޔާ ޖޫރިމަނާކުރުމެވެ.. އަދި އެކުށް ތަކުރާރުކޮށްފިނަމަ ޖުރިމަނާގެ އަދަދަކީ 4000 ރުފިޔާއެވެ. ތިންވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 6000 ރުފިޔާއިން ޖުރިމާނާކުރުމުނުގެ ބާރު މިޤަވައިދުން މިނިސްޓްރީއަށް ލިބިގެންވެއެވެ.

ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ޤާނޫނުލްޢުޤޫބާތު ގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމުގެ އިތުރުން، އޭނާގެ ލައިސަންސް 10 އަހަރުދުވަހާއި 25 އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.