ޚަބަރު

ފުރަބަންދުނުކޮށް އޮސްޓުރޭލިޔާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި


ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރުނު ނަމަވެސް އޮސްޓުރޭލިޔާގައި ފުރަބަންދުގެ އުޞޫލުތައް ތަންފީޒުނުކޮށް އެ ޤައުމުގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސުންވަނީ ޢާއްމު ތަންތަނުގައި މާސްއެޅުން މަޖުބޫރުކުރުމާއި ޢާއްމު ތަންތަނުން ޚިދުމަތްތައް ފޯރުކޮށްދޭ މީހުންގެ ޢަދަދު މަދުކުރުމާއި ޚިދުމަތް ދިނުމުގެ ކުރިން ކޯވިޑް-19ގެ ޙާލަތާއި ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރުމަށް އަންގައިފައެވެ. އެ ޤަައުމުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ވިކްޓޯރިޔާގައިވެސް އެފަދަ ފިޔަވަޅުތަކެއްވަނީ ތަންފީޒުކޮށްފައެވެ.

އޮސްޓުރޭލިޔާގައި އަލުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ ގާތްގަނޑަކަށް ދެ އަހަރުދުވަހަށްފަހު އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް އެއްކޮށް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. އޮސްޓުރޭލިޔާގެ އާބާދީގެ %90 މީހުން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކުރި ނަމަވެސް އެ ޤައުމުގައިވަނީ ހަލުވިކަމާއެކު އޮމިކްރޯން ފެތުރެން ފަށައިފައެވެ.

އޮސްޓުރޭލިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ އެ ޤައުމުގައި ހަލުވިކަމާއެކު އޮމިކްރޯން ފެތުރުނު ނަމަވެސް ޙާލު ދެރަވެގެން ހަސްފަތާލުގައި އެނދުމަތިކުރާ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު މަދުކަމަށް ބުނެފައެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ރެކޯޑު ޢަދަދެއްކަމަށްވާ 8,200 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ ކުރީ ދުވަހު އެ ޤައުމުގައި ބަލިޖެހިފައިވަނީ 5,600 މީހުންނަށެވެ.

އޮސްޓުރޭލިޔާގައި ހަލުވިކަމާއެކު އޮމިކްރޯން ފެތުރުނު ނަމަވެސް އެ ޤައުމުގައި ކޯވިޑް-19 ޖެހިފައިވަނީ ޖުމުލަ 273,000 މީހުންނަށެވެ. އަދި ބަލީގައި މަރުވެފައިވަނީ 2,173 މީހުންނެވެ.