ޚަބަރު

ޠާލިބާނުންނާ މުޢާމަލާތްކުރުމުގެ ޙުއްދަ އެމެރިކާއިން ދީފި


ޙާލަތު ގޯސްވެފައިވާ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާ މުޢާމަލާތްކުރުމުގެ ޙުއްދަ އެމެރިކާގެ ސަރުކާރުން ދީފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފައިސާއާއި މުދާ އެމެރިކާއިން އިސްވެވަނީ ހިފަހައްޓައިފައެވެ. ރަސްމީ ހިސާބުތަކުން ދައްކައި ގޮތުގައި ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާއާއި މުދަލުގެ އަގު 9 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އެއާއެކު އަފްޣާނިސްތާނަށް މާލީ އަދި އިޤްތިޞާދީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހި އެ ޤައުމަށްވަނީ އިންސާނީ ބޮޑު ކާރިޡާއަކާ ކުރިމަތިލާން ޖެހިފައެވެ.

ޠާލިބާނުންނާ މުޢާމަލާތްކުރުމުގެ ޙުއްދަ އެމެރިކާއިން ދީފައިވަނީ އަފްޣާނިސްތާނުގެ ސަލާމަތާއި އަމަންއަމާންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާއަށް 6 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އދން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރުކަންކުރައްވަނީ ސިރާޖުއްދީން ހައްޤާނީއެވެ. އޭނާއަށް އެމެރިކާއާއި އދން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާއިންވަނީ ޙައްޤާނީ ޙައްޔަރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް 10 މިލިޔަން އެމެރިކާ ޑޮލަރު ދޭނެކަން އިޢުލާންކޮށްފައެވެ. ސިރާޖުއްދީން ހައްޤާނީއަކީ ޙައްޤާނީ ނެޓުވޯކުގެ އެންމެ އިސްވެރިޔާއެވެ. އަލްޤައިދާ ޖަމާޢަތާ ގާތްގުޅުމެއް އޮންނަ ޙައްޤާނީ ނެޓުވޯކުންވަނީ ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ލިސްޓުން ޠާލިބާނުންނާއި ޙައްޤާނީ ނެޓުވޯކު އުނިނުކުރާކަމަށެވެ. އަދި އަފްޣާނިސްތާނަށް ދެމުންދާ އެހީތައް މުރާޖަޢާކުރަމުންދާކަމަށްވެސް އެމެރިކާގެ ސަރުކާރުންވަނީ ބުނެފައެވެ.

މީގެ ކުރިން އެމެރިކާއިންވަނީ ޠާލިބާނުންނާ މުޢާމަލާތްކުރުމަކީ ޤާނޫނީ ކުށެއްކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް އެ ނިންމުމަށް ލުއިތަކެއް ދިނުމަށްފަހު އެމެރިކާގެ ސަރުކާރުންވަނީ ޠާލިބާނުންނާ މުޢާމަލާތްކުރުމަށް ތިން ލައިސެންސެއް ދޫކޮށްފައެވެ.

އަފްޣާނިސްތާނުގެ ސަލާމަތާއި އަމަންއަމާންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާއަށް 6 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އދން ނިންމާފައިވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ބޭނުމަގައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ އދގެ 10 އިދާރާއެއްގައި އެ ޖަމުޢިއްޔާގެ 3،500 މުވައްޒަފުން ޙަރަކާތްތެރިވެއެވެ. އޭގެ ތެރެއިން ގިނަ މުވައްޒަފުން ޙަރަކާތްތެރިވަނީ އަފްޣާނިސްތާނުގައި ޙާލުގައި ޖެހިފައިވާ 39 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.