ޚަބަރު

ހަފުތާއެއްގެ ތެރޭގައި އިންޑިޔާގައި އޮމިކްރޯން ޖެހުނު މީހުންގެ ޢަދަދު ދެގުނައަށް


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާތެރި އަދި ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯނާމެދު ވަރަށް ބޮޑަށް ސަމާލުވުމަށް އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން އެ ޤައުމުގެ ސަރަޙައްދީ ސަރުކާރުތަކަށް އަންގައިފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި ހަފުތާގެ ތެރޭގައި އެ ޤައުމުގައި އޮމިކްރޯން ޖެހުނު މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. އެއާއެކު މި އަހަރުގެ ކުރީކޮޅު އިންޑިޔާއަށް ކުރިމަތިލާން ޖެހުނުފަދަ ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އެ ޤައުމުގައި އޮމިކްރޯން ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 230އަށްވުރެ އިތުރުވެފައެވެ. އެ ގޮތުން އެންމެ ހަލުވިކަމާއެކު އޮމިކްރޯން ފެތުރެމުންދަނީ އެ ޤައުމުގެ ހުޅަނގުގައި އޮންނަ މަހާރާޝްތުރާ ސުޓޭޓާއި ވެރިރަށް ނިޔު ދިއްލީގައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ސަރަޙައްދީ ސަރުކާރުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާޞްކުރާކަމަށެވެ. އެ ގޮތުން ރޭގަނޑުގެ ވަކި ގަޑިތަކެއްގައި ކާފިޔު އިޢުލާންކުރުމާއި ރަސްމީ އިދާރާތަކާއި ވިޔަފާރިތައް ހިންގުމަށް މަސައްކަތަށް ނުކުންނަ މީހުންގެ ޢަދަދު މަދުކުރުމާއި ޢާއްމު ދަތުރުފަތުރު ބޭނުންކުރާ މީހުންގެ ޢަދަދު މަދުކުރެވިދާނެކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން އިލްތިމާޞްކޮށްފައިވަނީ އެ ސުޓޭޓެއްގެ އާބާދީގެ %10 މީހުންނަށް ބަލިޖެހިއްޖެނަމަ ނުވަތަ ހަސްފަތާލުތަކުގެ އައިސީޔޫގެ %40 ފުރިއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. ނަމަވެސް އޮމިކްރޯނަކީ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމުން ގިނަ ޢަދަދެއްގެ ބަޔަކަށް ކުއްލިއަކަށް ބަލިޖެހުމުގެ ފުރުޞަތު އޮތުމުން ނުރައްކާތެރި ޙާލަތަކަށް ބަލިނުފެތުރެނީސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ވުޒާރާއިންވަނީ އިލްތިމާޞްކޮށްފައެވެ. އަދި އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ %40އަށް ޖެހިފައިވަނީ އޮމިކްރޯންކަމަށާއި ބަލީގެ އެ ވައްތަރު ޖެހިގެން އެ ޤައުމުގައި އެއްވެސް މީހަކު މަރުނުވައިކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އެމެރިކާއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ގޮތުން އެ ޤައުމުގައި ގާތްގަނޑަކަށް 35 މިލިޔަން މީހުންނަށް ބަލިޖެހި 478،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 5,326 މީހުންނަށްވަނީ ބަލިޖެހިފައެވެ. ނަމަވެސް އެއީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި އެ ޤައުމުގައި އެއްދުވަހުގެ މަތިން ބަލިޖެހުނު މީހުންގެ ޢަދަދު އެންމެ މަދުވި ދުވަހެވެ.