ކުޅިވަރު

އިނގިރޭސި ލީގުކަޕުގެ ސެމީ ފައިނަލަށް ލިވަޕޫލް


އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ. ލިވަޕޫލް ވަނީ ރޭ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި ލެސްޓާ ސިޓީއާ 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެފަ.

އަމިއްލަ ދަނޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ލައިގެން ރޭގެ މެޗު ފެށި ލިވަޕޫލް ކޮޅަށް 13 މިނިޓްތެރޭ ލެސްޓާ ސިޓީގެ ޖޭމީ ވާޑީ ވަނީ ދެ ގޯލު ޖަހައިފައެވެ. އަލެކްސް އޮކްސްލޭޑް ޗަމްބަލެއިންގެ ގޯލުން ލިވަޕޫލަށް އުއްމީދެއް ހޯދައިދީފައިވަނިކޮށް، ލެސްޓާގެ ޖޭމްސް މެޑިސަން ވަނީ ލަނޑު ޖަހައި އެ ޓީމަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީފައެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ވަނީ ލިވަޕޫލަށް ދެވަނަ ގޯލެއް ޖަހައިދީފައެވެ. ލިވަޕޫލަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފަސް ވަނަ މިނިޓްގައި ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯ ޖެހި ގޯލުންނެވެ. ޕެނަލްޓީގައި ލިވަޕޫލް މޮޅުކޮށްދޭން ފަސް ވަނަ ޕެނަލްޓީ ޖަހަން ދިޔަ މިނަމީނޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ގޯލުގައި ހުރި އަޔަލެންޑްގެ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ ލެސްޓާގެ ލޫކް ތޯމަސް އާއި ރަޔާން ބާޓްރަންޑް ޖެހި ޕެނަލްޓީތައް މަތަކޮށްދީ މޮޅުވާން ފުރުސަތު ފަހިކޮށްދީފައެވެ. މޮޅުވި ޕެނަލްޓީ ޖެހީ ޖޮޓާއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ލިވަޕޫލް ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.