ކުޅިވަރު

އެންމެ ބޮޑު ދެކުލަބު ނެތި މުބާރާތް ކުޅުން އެއީ ފަޅުކަމެއް: އާފިއު


ޕްރެޒިޑެންޓްސް ކަޕް މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ ނެތުމަކީ މުބާރާތަށް ލިބޭ ފަޅުކަމެއް ކަމަށް ކްލަބް ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާފިއު މުޙައްމަދު ބުނެފިއެވެ.

މި ފަހަރުގެ ސީޒަން ކަލަންޑަރު ރޭވިފައި އޮތްގޮތުން އަންނަ ފެބްރުއަރީ މަހު ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ވަނީ ފަށާފައެވެ. މުބާރާތް ކުރިޔަށްދާނީ އަންނަ މަހުގެ 23ގެ ނިޔަލަށެވެ. ވެލެންސިޔާގެ ކޯޗު އާފިއު ބުނީ މިހާރު ރާއްޖޭގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތުގައި ރާއްޖޭގެ އެންމެން ކާމިޔާބު އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނުލައި ކުޅެން ޖެހުމަކީ ފަޅުކަމެއްކަމަށެވެ.

"ޕްރެޒިޑެންޓްސް ކަޕް، ދެން މިހާރު ރާއްޖޭގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް. އެ މުބާރާތް މި ޖެހެނީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ ޓީމު ނުލައި ކުޅެން. އެއީ މިހާރު ރެލިގޭޓްވެފައި އޮތް ވިކްޓްރީ އާއި ނިއު ރޭޑިއަންޓް. އެ ދެ ޓިމު ނުލައި ކުޅެން ޖެހުން އެއީ މުބާރާތައް އަންނާނެ ފަޅުކަމެއް،" ކުރިން ނިއު އަށް ކުޅުނު އާފިއު، ބުންޏެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ބޭއްވިއިރު، ޗެމްޕިއަން ޓީމަކީ ނިއުއެވެ. މީގެ ތިން އަހަރު ކުރިން މުސާރަނުދޭ މައްސަލައިގައި ނިއު ސަސްޕެންޑްކޮށްފައިވާއިރު، ވިކްޓަރީ ވެސް ވަނީ މުސާރަ އާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން ސަސްޕެންޑްކޮށްފައެވެ. އެ ދެ ކްލަބަށް ފީފާ އިން ވެސް ވަނީ އަދަބު ދީފައެވެ.