ޚަބަރު

ރައީސް ދެއްވި ޔަގީންކަމާއެކު އަރަބި ތަޢުލީމަށް އިސްކަންދެއްވާ މިންވަރު ހާމަވި: ޢަރަބިއްޔާ ޕީޓީއޭ


މިދައުރު ތެރޭގައި އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް ސަރުކާރުން ބިނާކޮށްދެއްވާނެ ކަމަށް ވިދާޅުވެ އެ ސްކޫލަށް ދިމާވި މައްސަލަތައް ޙައްލުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަޤީންކަމާއެކީ އަރަބި ތަޢުލީމަށް އިސްކަންދެއްވާ މިންވަރު ހާމަވެގެންދިޔަ ކަމަށް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީޓީއޭއިން ބުނެފިއެވެ.

2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗާންދަނީ މަގު އަމީނިއްޔާ ކުރިމަތިން ހުޅުވި އަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށްބުނެ ބެލެނިވެރިން ފާޅު ކުރަމުންގެންދިޔަ ކަންބޮޑުވުންތަކާއި ގުޅިގެން އެސްކޫލްގެ ޕީޓީއޭގެ މެންބަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި އަރަބިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއި، އިމާރާތުގައި ރެނދުލައި ހަލާކުވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ބައު ޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް ސަރުކާރުން ހައްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އައު އިމާރާތެއް ހެދެންދެން އަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި އިމާރާތް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އެސްކޫލަށް ވަގުތީ އިމާރާތް ހަވާލުކުރާއިރު، ކްލާސްރޫމް ފަދަ ތަންތަންވެސް ސަރުކާރުން ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މީގެ އިތުރުން ސްކޫލް ހިންގޭވަރަށް އެ އިމާރާތުގެ ކަންކަން ސަރުކާރުން އިންތިޒާމުކޮށްދެއްވުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ.

އަރައްބިއްޔާ ސްކޫލަށް ދިމާވި މައްސަލަތަކާއި މިހާރު އެކަން ހައްލުކުރަން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން އެސްކޫލްގެ ޕީޓީއޭގެ ނާއިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ، އަރަބިއްޔާއާމެދު ކޮންމެވެސް ހިސާބަކުން ބަޔަކު އިހުމާލުވެފައިވާކަމަށާއި، އެސްކޫލްގެ ދަރިވަރުންނަށް އެކަމުގެ އުނދަގޫތަކާއި ކުރިމަތިލާންޖެހުނު މިއީ ދެވަނަ ފަހަރުކަމަށެވެ.

ސްކޫލަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް ޕީޓީއޭއިން ހިންގި ހަރަކާތްތަކުން އުންމީދީ ޖަވާބުތަކެއް ސަރުކާރުގެ ފަރާތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝާދިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްވި ޔަޤީންކަމަކީ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އުފާވެރި ޚަބަރުތަކެއް ކަމަށާއި، ނަމަވެސް އެކަމުގައި ހިތަށް ފިނިކަމެއް ލިބޭނީ އައު ސްކޫލުގެ ބިންގާ އެޅޭ ހިސާބުންކަމަށެވެ.

"ބައު ޖަމާލުއްދީން ހުރިތަނުގައި ޢަރަބިއްޔާ ސްކޫލެއް އެމަނިކުފާނުގެ ދަޢުރުގައި އަޅުއްވައިދެއްވައި ނިންމަވާނަމޭ ވިދާޅުވީ. އެހެން ހައްދަވައިފިނަމަ އެކޮށްދެއްވެނީ އަރަބި ތަޢުލީމަށް ވަރަށްބޮޑު ޚިދުމަތެއް މިސަރުކާރަށް" ޝާދިޔާ ވިދާޅުވިއެވެ.

މިހާރު އެސްކޫލް ހިންގަންދީފައިވާ ވަގުތީ އިމާރާތާއި ގުޅޭގޮތުން ޕީޓީއޭގެ ނާއިބު ރައީސް ވިދާޅުވީ ފޮރިން މިނިސްޓްރީ އިމާރާތައް ދަނީ ވަގުތީ ހައްލެއް ހޯދުމަށްކަން އެނގޭކަމަށާއި، ޕީޓީއޭއިން ރައީސް އަރިހުގައި އެދުނީ މުސްތަގިއްލު ތަނަކަށްކަމަށާއި، އެތަނަށް ވަންނައިރު ހުންނާނީ ސްކޫލް އިމާރާތެއް ހުންނަހާ ފުރިހަމަކޮށް ނޫންކަމަށް ޤަބޫލުކުރެވޭކަމަށެވެ. އަދި ބެލެނިވެރިންނާއި މެނޭޖްމަންޓުންވެސް އެކަމާއި ކުރިމަތިލަނީ ހާލަތު ދެނެތިބެކަމަށާއި ބޭނުންވަނީ ދަރިން މުސްތަޤިއްލު ތަނެއްގައި ކިޔެވުމަށްކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ މައްސަލައާއި ގުޅިގެން އެ ސްކޫލްގެ ޕީޓީއޭއާއި ރައީސް މައުމޫނުވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެސްކޫލަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާކަމަށް ވިދާޅުވުމުން އެކަމާއި އުފާކުރައްވައި އަރަބި އިސްލާމީ ތަޢުލީމު ރާއްޖެއަށް ވަރަށް މުހިންމުކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ ޙައްލެއް ހޯއްދަވައިދެއްވާ އައު ދެ އިމާރާތް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަށް އަދާލަތު ޕާޓީންވެސް ވަނީ މަރުޙަބާ ދަންނަވާފައެވެ.