ޚަބަރު

"ވެކްސިނޭޓެޑް ޓްރެވަލް ލޭން"ގެ ދަށުން ޓިކެޓް ވިއްކުން މެދުކަނޑާލަން ސިންގަޕޫރުން ނިންމައިފި


ކޯވިޑް19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ "ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީ.ޓީ.އެލް)" ގެ އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލަން ސިންގަޕޫރުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ކޯވިޑް19 "އޮމިކްރޮން" ވޭރިއެންޓް ފެތުރެމުން ދިއުމާ ގުޅިގެންނެވެ.

އޮމިކްރޯން ވޭރިއަންޓް ހަލުއިކަމާ އެކު ފެތުރެމުންދިއުމާ ގުޅިގެން ސިންގަޕޫރު ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ސިންގަޕޫރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • 22 ޑިސެމްބަރު 2021 ވާ ބުދަ ދުވަހުގެ 23:59 ން ފެށިގެން 20 ޖެނުއަރީ 2020 ގެ 23:59 (ސިންގަޕޫރު ގަޑިން) ގެ ނިޔަލަށް އެ މުއްދަތުގައި ދަތުރުކުރާގޮތަށް ވީ.ޓީ.އެލް އަށް ޚާއްޞަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލުން. މި މުއްދަތުގައިވެސް، 21 ޖެނުއަރީ 2022 ގެ ފަހުން ދަތުރުކުރާ ގޮތަށް މި ފްލައިޓުތަކުން ޓިކެޓް ވިއްކުމަށާއި، ނަމަވެސް ވިއްކާ ޓިކެޓުގެ އަދަދު %50 އިންސައްތަ މަދުކުރުން.
  • 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ސިންގަޕޫރު ގަޑިން 23:59 ގެ ކުރިން ވީ.ޓީ.އެލް ފްލައިޓުތަކުން ޓިކެޓް ނަންގަވާފައިވާ، ވީ.ޓީ.އެލް ގެ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަރަންޓީނުވުމާ ނުލައި ދަތުރު ކުރެވުން.


އެހެންކަމުން ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރައްވަން ޓިކެޓް ނަގާފައިވާ ފަރާތްތަކާއި އެ ޤައުމަށް ދަތުރުކުރަން ޤަޞްދުކުރާ ފަރާތްތަކުގެ މިފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް ފޮރިން މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.

މިފިޔަވަޅުތަކަކީ ވީޓީއެލް އިންތިޒާމު ހުއްޓާލުން ނޫންކަމަށާއި، "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާ ކުރަމުން ގެންދާނެކަން ސިންގަޕޫރުގެ ސަރުކާރުން އަންގާފައިިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.