ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ސިލްސިލާ މުބާރާތް "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ 4 ވަނަ ސީޒަންގެ އޮޑިޝަން ފަށައިފިއެވެ.
2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އަންނަ މުބާރާތެކެވެ. ކޯވިޑް ޕެންޑެމިކްގެ ހާލަތުގައި ވޭތުވެދިޔަ ދެ އަހަރު މި މުބާރާތް މެދުކެނޑިގެން ދިއުމަށްފަހު އަނެއްކާވެސް މިއަހަރު މިވަނީ ފަށާފައެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2022ގެ އޮޑިޝަން ފައްޓަވައިދެއްވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ މިޕްރޮގްރާމަކީ ރޭޑިއޯގެ ދާއިރާގައި ދިވެހިރާއްޖޭގެ އަޑުން ބާއްވާ އެންމެ ބޮޑު އެއް މުބާރާތްކަމަށާއި މި މުބާރާތުގައި އެހެން އަހަރުތަކާއި ޚިލާފަށް ޕްރޮމޯޝަނަލް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައާއި ޕީއެސްއެމްގެ އެހެނިހެން ޗެނަލްތަކުން ވެސް މި ޕްރޮގްރާމް ޕްރޮމޯޓް ކުރަމުން ގެންދާނެކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ. ހަމަމިއާއެކު މިޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކާއިއެކު ރޭޑިއޯގެ ޕްރޮގްރާމްތަކުގައި 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހަދާނެ ކަމަށާއި، މިއީ ޒުވާނުނަށް ހުޅުވިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ކުރީގެ މުބާރާތްތަކަށް ބަލާލާއިރު މި މުބާރާތުގައި ބައިވެރިވި ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނަށް އެބަ ފެނޭ އެހެން ޓީވީ ސްޓޭޝަންތަކުގައި މަސައްކަތްކުރާތަން. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އެއީ އަޅުގަނޑުމެންގެ މި މަސައްކަތް ކާމިޔާބުވާކަމުގެ ހެއްކެއް. "ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވިއެވެ.
މި މުބާރާތް ކުރިއަށްދާ ގޮތަށް ބަލާއިރު އޮޑިޝަންގެ ތެރެއިން ދެވަނަ ބުރަކަށް ކުދިން ހޮވުމަށްފަހު މީގެ ތެރެއިން ގަދަ ދިހަ ބައިވެރިން ހޮވާނެއެވެ. އެގޮތުން މި ބައިވެރިންނަށް ރޭޑިއޯ ކޯޗިންގެ ދަށުން ތަމްރީނު ދެވިގެންދާނެއެވެ. އަދި ކޮންމެ ހަފްތާއަކު އޮންނަ ޝޯގައި ކުއްޖަކު ވަކިވަމުން ގޮސް ފައިނަލްގައި ގަދަ ތިން ބައިވެރިންގެ ތެރެއިން ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ހޮވާނެއެވެ.
ފަނޑިޔާރުންގެ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުގެ %40 ހިމަނައިގެން ނަތީޖާ ނެރޭ މިމުބާރާތުގެ 1 ވަނައަށް މިފަހަރު ކަނޑައެޅިފައިވާ އިނާމަކީ 20،000 ރުފިޔާއެވެ. 2 ވަނައަށް 15،000 ރުފިޔާ، އަދި 3 ވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ޗެނަލްތަކުގައި ޕްރެޒެންޓްކުރުމުގެ ފުރުސަތުވެސް އެބައިވެރިންނަށް ލިބޭނެއެވެ.
ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ.
މީގެ ކުރިން ބޭއްވި މި މުބާރާތުގެ 3 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ.