ޚަބަރު

ސޫދާނުގެ ބޮޑުވަޒީރު އިސްތިޢުފާދެއްވުމަށް ނިންމަވައިފި


ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް އިސްތިޢުފާދެއްވަން ނިންމަވައިފިއެވެ.

އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް އެ ޤައުމުގެ ސަރުކާރު އުވާލައި ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޙަމުދޫކާއި ސަރުކާރުގެ އިސްވެރިންވަނީ ބަންދުކޮށްފައެވެ. އަދި ސޫދާނުގެ އަސްކަރިއްޔާއިން އެކުލަވާލި ވެރިކަންކުރާ ކައުންސިލުގެ އެންމެ އިސްވެރިޔާގެ ހުވައި އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އަލްބުރުހާނު ކުރެއްވިއެވެ. ނަމަވެސް ސުދާނުގެ އަސްކަރިއްޔާގެ ނިންމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކޮށްފައެއް ނުވެއެވެ. ސޫދާނުގެ ކުރިމަގާ ގުޅޭގޮތުން ހަމުދޫކާއި ބުރުހާނާ ދެމެދު ކުރި މަޝްވަރާތަކަށްފަހު ނިންމާފައިވަނީ ބޮޑުވަޒީރުގެ މަޤާމު އަނެއްކާވެސް ޙަމުދޫކާ ޙަވާލުކޮށް ވެރިކަންކުރާ ކައުންސިލެއް އެކުލަވާލުމަށެވެ. އެއާއެކު ސޫދާނުގެ ބޮޑުވަޒީރުގެ މަޤާމާ އަލުން ޙަމުދޫކް ޙަވާލުވެވަޑައިގަތެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމުން އެ ޤައުމުގެ ޢާއްމުންވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ، އެއާއެކު ސޫދާނުގެ އަސްކަރިއްޔާއިންވަނީ ޢާއްމުންނާ ދެކޮޅަށް ލާއިންސާނީ ޖަރިމާތައް ހިންގައިފައެވެ. އެ ގޮތުން ސޫދާނުގެ އަސްކަރިއްޔާގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން 16 މީހުން މަރުވެ، 300 މީހުން ޒަޚަމުވެފައިވާކަމަށް އެ ޤައުމުގެ މިނިވަން ޖަމުޢިއްޔާއެއްކަމަށްވާ ސެންޓުރަލް ކޮމިޓީ އޮފް ސޫދާނީސް ޑޮކްޓަރސުން ބުނެފައިވެއެވެ.

ސޫދާނުގެ ބޮޑުވަޒީރުގެ މަޤާމާ އަލުން ޙަމުދޫކް ޙަވާލުވެވަޑައިގަތް ނަމަވެސް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސޫދާނުގެ މުޒާހަރާތައް އިތުރަށް ވަރުގަދަވެ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ކައިރިއަށް އެތައް ހާސް ބަޔަކުވަނީ ޖަމާވެފައެވެ. އަދި ޤާނޫނީ ވެރިކަމަށް އަސްކަރިއްޔާއިން ބާރުފޯރުވުން ހުއްޓާލައި ބޮޑުވަޒީރުގެ މަޤާމުން ޙަމުދޫކު އިސްތިޢުފާދެއްވުމަށް ޢާއްމުންވަނީ ގޮވާލައިފައެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރެއްވި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ.