ޚަބަރު

މެލޭޝިޔާގައި އިތުރަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް


މެލޭޝިޔާއަށް ބޯކޮށް ވާރޭވެހި އިތުރަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު ދީފިއެވެ.

މެލޭޝިޔާގެ މޫސުމާބެހޭ އިދާރާއިންވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި އެ ޤައުމަށް ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެފައެވެ. އެ ގޮތުން އެންމެ ބޮޑަށް ވާރޭވެހޭނީ މެލޭޝިޔާގެ އުތުރުގެ ސަރަޙައްދުތަކަށްކަމަށް އެ އިދާރާއިންވަނީ ލަފާކޮށްފައެވެ. އެހެންކަމުން ބިންތިރި ސަރަޙައްދުގައި އިތުރަށް ފެންބޮޑުވުމުގެ ފުރުޞަތު އޮތްކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މިދިޔަ ހަފުތާ ބަންދުން ފަށައިގެން މެލޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވަނީ އެ ޤައުމުގެ އެންމެ މުއްސަނދި އަދި އާބާދީ ބޮޑު ސެލެންގޯއަށެވެ. އެ ސުޓޭޓުންވަނީ 17 މީހުން މަރުވެފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާއީލު ޞަބްރީ ޔަޢުޤޫބުވަނީ އެ ޤައުމުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވެފައިވާކަމަށް ވިދާޅުވެ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާވަނީ މެލޭޝިޔާގެ ސަލާމަތީ ބާރުތަކާއި ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އިލްތިމާޞްކުރައްވައިފައެވެ.

މެލޭޝިޔާގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 63،000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި އެ ސަރަޙައްދުތަކުން ކަރަންޓާއި ފެނާއި މުވާސަލާތީ ގުޅުން ކެނޑި ދަތުރުފަތުރުކުރުމަށްވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.