ޚަބަރު

އިސްރާއީލުގައި ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދެނީ


އިސްރާއީލުގައި ކޯވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދިނުމަށް ނިންމައިފިއެވެ.

ދުނިޔޭގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅެއްގައި އިސްރާއީލުގައި ނިންމާފައިވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދިނުމަށެވެ. އެއާއެކު އިސްރާއީލު ވެގެންދާނީ ދުނިޔޭގައި ކޯވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯސެއް ޖަހަން ނިންމި ފުރަތަމަ ޤައުމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުވަނީ އެ ޤައުމުގެ ޞިއްޙަތާބެހޭ ތަޖުރިބާކާރުންގެ ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެ ނިންމުމަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޯނުން އަރައިގަތުމަށް އެހީތެރިވެދޭނެ މުޙިއްމު ނިންމުމެއްކަމަށް ބެނެޓު ވިދާޅުވިއެވެ. އިސްރާއީލުގެ ނިންމުމަށް ބައިނަލްއަޤްވާމީ ބައެއް ސިއްޙީ ތަޖުރިބާކާރުންގެ ރުހުން ނުލިބުނު ނަމަވެސް ބެނެޓުވަނީ އިސްރާއީލުގައި ދިރިއުޅޭ މީހުންނަށް ވެކްސިންގެ ޑޯސްތައް ދިނުމަށް އެ ޤައުމުގެ ވުޒާރާތަކަށް ބާރުއަޅުއްވައިފައެވެ.

ކޯވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯސެއް ދިނުމަށް އިސްރާއީލުން ނިންމާފައިވަނީ އޮމިކްރޯން ޖެހިގެން އެ ޤައުމުގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެފައިވަނިކޮށެވެ. ބީރްޝެބާގެ ސޮރޯކާ މެޑިކަލް ސެންޓަރުން ބުނެފައިވަނީ ޢުމުރުން 60 އަހަރުގެ މީހަކަށް އޮމިކްރޯން ޖެހިގެން މަރުވެފައިވަނީ ކޯވިޑް-19އަށް ޚާއްޞަ ވޯޑެއްގައި އެނދުމަތިކުރިތާ ދެ ހަފުތާ ފަހުންކަމަށެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އިސްރާއީލުންވަނީ އެމެރިކާއާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ތުރުކީވިލާތާއި ކެނެޑާފަދަ ޤައުމުތަކަށް ދަތުރުކުރުން މަނާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.