އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ދާއިމީ ސްކޫލް ޢިމާރާތެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތް ހަމަޖައްސައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޢަރަބިއްޔާގެ ދަރިވަރުން ވަގުތީގޮތުން ބަދަލުކުރުމަށް ވަކި ޢިމާރާތެއް ހަމަޖެއްސުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި މަސައްކަތާއެކު މިހާރު ވަނީ އެމްޓީސީސީ ސޯމިލް ނުވަތަ އެންމެފަހުން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތް ހަމަޖައްސާފައެވެ. މަޢުލޫމާތުލިބޭގޮތުގައި މިހާރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ޢިމާރާތް ކުދިންނަށް ކިޔައިވޭން އެކަށީގެންވާގިތަށް ބައެއް ބަދަލު ގެނެސް ކްލާސްރޫމްތައް ހެދުމަށް މަސައްކަތްކުރަމުންނެވެ.
މިއީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދާއިމީ ޢިމާރާތެއް ހަދަން މިހާރު ސަރުކާރުން ހަމަޖައްސަވާފައިވާ ބާޖަމާލުއްދީން ސްކޫލުގެ ބިމުގައި އަރަބިއްޔާ ޢިމާރާތްކުރެވެންދެން ހަމަޖެއްސެވި ވަގުތީ ޙައްލެއްކަމަށް މަޢުލޫމާތުލިބެއެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އަދި މިކަން ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ.
އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދުނުމުގެ ގޮތުން ބާޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް ހަދަން ސަރުކާރުން ނިންމަވާފައިވަނީ މިދިޔަ ހޯމަދުވައެވެ. މިގޮތަށް ނިންމެވިކަން ރައީސް ޢިއުލާންކުރެއްވީ ޢަރަބިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވުމަށް އެދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ޢަރަބިއްޔާގެ ދަރިވަރުން އެހެންތަނަކަށް ބަދަލުކުރަން ޖެހުނީ އެސްކޫލުގެ ޢިމާރާތުގެ ޙާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫންކަމަށްވާތީއެވެ. އެސްކޫލުގެ މިހާރު ޢިމާރާތުގެ ގިނަ ތަންތަނުން ކަނޑައިގެންގޮސް އެއީ ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއްތޯ ސުވާލު އުފައްދާ ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިން ވިދާޅުވީ ޢަރަބިއްޔާގެ ޢިމާރާތަކީ ކުދިންނަށް ކިޔަވައިދިނުމަށް އެންމެ ރައްކާތެރިތަނަކަށްނުވާތީ ވަގުތީގޮތުން އެކަމަށް ޙައްލެއް ގެނައުމަށް އެމިނިސްޓްރީއިން ނިންމަވާފައިވާކަމަށެވެ.