ކުޅިވަރު

ޤައުމީ ވޮލީ ޓީމު ބަންގްލަދޭޝަށް ފުރުވޭތޯ މަސައްކަތް ކުރަނީ


ޤައުމީ ފިރިހެން ވޮލީ ޓީމަށް ނުފުރި މާލޭގައި މަޑުކުރަން ޖެހިއްޖެއެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރަން ޤައުމީ ވޮލީ ޓީމު ފުރުމަށް ހަމަޖެހިފައި އޮތީ މިއަދުއެވެ.

ބަންގްލަދޭޝްގައި މި މަހު 23-29 އަށް ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަން ގައުމީ ފިރިހެން ވޮލީ ޓީމު އެއާޕޯޓަށް ދިޔަ ނަމަވެސް ޓީމުގެ ކުޅުންތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓީވްވެފައިވާތީ ޓީމަށް ފުރޭގޮތްނުވީއެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން އެއަރޕޯޓަށް ދިޔައީ ނެގެޓީވް ޕީސީއާރު ޓެސްޓަކާއެކުގައެވެ. ނަމަވެސް ޓީމުގެ ޑައިރެކްޓް ކޮންޓެކްޓް ކުޅުންތެރިން ތިބުމުން ޤައުމީ ވޮލީ ޓީމަށް ޑާކާ އަށް ނުފުރުނެވެ.

ޓީމު މިހާރު މާލޭގައި ތިބިއިރު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންނަނީ ވޮލީ ޓީމަށް ޑާކާއަށް ދޭވޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދު ވޮލީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޕިސީއާރު ސާމްޕަލް ނަގާފައިވާކަމަށާއި، މާދަމާ ޓެސްޓު ނަތީޖާއަށްފަހު އެންމެ ލަސްވެގެން މާދަމާ ރޭ ޑާކާއަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވީއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޤައުމީ ފިރިހެން ވޮލީ ޓީމަށް މާދަމާ ނުވަތަ މާދަމާ ރޭ ޑާކާއަށް ނުދެވިއްޖެނަމަ ރާއްޖެއަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތޭވީސްވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތް ރޭވިފައިވާގޮތުން ފުރަތަމަ މެޗުގައި ރާއްޖެ ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއާއެވެ. ސެންޓްރަލް ޒޯން މުބާރާތުގައި މިހާރު އޮތްގޮތުން ފިރިހެން ބައިގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ނޭޕާލް، ލަންކާ އަދި އުޒްބަކިސްތާނެވެ.

ފިރިހެން ޓީމުން ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވާން މާލޭގައި ވަނީ މި މަހު ތެރޭގައި ހަ މެޗެއް ކުޅެފައެވެ. ސްރީ ލަންކާގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުނު ތިން މެޗުން ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އޭގެ ފަހުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ގައުމީ ވޮލީ ޓީމު ކުޅުނު ތިން މެޗުން ވަނީ މޮޅުވެފައެވެ. ފުރަތަަމަ ދެ މެޗުން ހައިދަރުއާބާދު ސްޕައިކާސް އަތުން މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. އަދި ފަހު މެޗުން ގައުމީ ފިރިހެން ވޮލީ ޓީމު ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތް ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

ފިރިހެން ވޮލީ ޓީމަށް މިއަދު ބަންގަލަދޭޝަށް ނުދެވުނު ނަމަވެސް ގައުމީ އަންހެން ވޮލީ ޓީމު ވަނީ ސެންޓްރަލް ޒޯން އަންހެން ބައިގައި ވާދަކުރުމަށް މިއަދު ހެދުނު ބަންގްލަދޭޝަށް ފުރާފައެވެ. އެ މުބާރާތް ކުރިއަށްދާނީ 23-29 އަށެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކީ ދިވެހި ސިފައިންގެ ކުލަބާއެކު ކާމިޔާބީތަކެއް ހޯދާފައިވާ ތަޖްރިބާކާރު ކޯޗް މުމްތާޒް ޢަލީ (މުންތޭ) އެވެ.

މި ފަހަރު ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރާނީ ނޭޕާލް، އުޒްބަކިސްތާން، ކިރްގިސްތާނުގެ އިތުރުން ލަންކާއެވެ. ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު އަންހެން ޓީމް ނިކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.

ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން މުބާރާތް ވެސް ބަންގްލަދޭޝްގައި ކުރިއަށްދާނީ ފުރަތަމަ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމު ރޭންކިން މެޗެއް ކުޅޭނެއެވެ.