ކުޅިވަރު

ވާރލްޑް ކަޕް ދެއަހަރުން އެއް އަހަރު ބާއްވާނަމަ ލިބޭ ފައިދާ އިތުރުވާނެ: ފީފާ


ފީފާ ވާރލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވާނަމަ އެކަމުގެ ސަބަބުން ހަތަރު އަހަރުން އެއް އަހަރު ބާއްވާއިރަށްވުރެ ތިނެއް ޕޮއިންޓް ތިނެއް ބިލިއަން ޕައުންޑަށް ވުރެ ބޮޑު ފައިދާއެއް ލިބިގެންދާނެކަމަށް ފީފާއިން ހާމަކޮށްފިއެވެ. ފީފާއިން މިކަން ހާމަކޮށްފައިވަނީ ފީފާއިން ބޭއްވި ގްލޯބަލް ސަމިޓްގައި ބައިވެރިވި ފަރާތްތަކަށް މައުލޫމާތުދެމުންނެވެ.

މިސަމިޓަށް ފީފާއިންވަނީ މެމްބަރު 211 އެސޯސިއޭޝަނަށް ދައުވަތުދީފައެވެ. އަދި އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގަރ އިސްކޮށް ހުރެގެން ޕްރޮމޯޓް ކުރަމުންދާ މިހިޔާލުގެ ވާހަކަ ހުރިހާ ފަރާތްތަކާއި ހިއްސާކޮށްފައިވެއެވެ. މިކަމަށް ޔުއޭފާ އާއި ކޮމެބޯލްއިން ދެކޮޅުކަންވަނީ މާކުރިންފެށިގެން ހާމަކުރަމުންނެވެ. އެފްރިކާގެ ޤައުމުތައް ތަމްސީލްކުރާ ކަފްއިން ވަނީ މިކަމަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. މިސަމިޓްގައި މައުލޫމާތުދެމުން ހުރިހާ މެންބަރުންނަށްވަނީ އެކަމުންލިބިގެންދާ މާލީ ފައިދާގެ ތަފްސީލް ހާމަކޮށްދީފައެވެ. މިގޮތުން ކޮންމެ ދެ އަހަރުން އެއް އަހަރު 48 ޓީމާއެކު މުބާރާތް ބާއްވާނަމަ އާންމުކޮށް ބާއްވާ މުބާރާތްތަކުގައި ލިބޭ ފަހެއް ޕޮއިންޓް ތިނެއް ބިލިއަން ޕައުންޑްގެ ބަދަލުގައި އަށެއް ޕޮއިންޓް ހައެއް ބިލިއަން ޕައުންޑް ލިބިގެންދާނެއެވެ. އަދި މެންބަރު ޤައުމީ އެސޯސިއޭޝަންތަކަށް 12 ޕޮއިންޓް އެކެއް މިލިއަން ޕައުންޑް ލިބޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށް ހާމަކޮށްފައިވެއެވެ. ނަމަވެސް ސިދާ މިފައިސާ ބެހިގެންދާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ވާރލްޑް ލީޑްސް ފޯރަމުން ނޮވެމްބަރު މަހު އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ މިގޮތަށް މުބާރާތް ބާއްވައިފި ނަމަ ޑޮމެސްޓިކް ލީގުތަކާއި ޔުއޭފާއަށް ކޮންމެ ސީޒަނެއްގައި އަށް ބިލިއަން ޔޫރޯ ގެ ގެއްލުން ވާނެކަމަށެވެ. ފީފާގެ ރައީސް ޖިއާނީ އިފަންޓީނޯ ވަނީ ފީފާގެ މިޕްލޭނަށް މެންބަރު ގިނަ އެސޯސިއޭށަނުން ތާއީދު ކުރާނެކަމަށް ގަބޫލް ކުރެވޭކަމުގައި ހާމަކޮށްފައެވެ.