ވިޔަފާރި

ދަނޑުވެރިކަމުގައި އަންހެނުންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހުވަދުއަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އެގްރޯނެޓާ ބައްދަލުކޮށްފިއެވެ.

އެގްރޯނެޓުގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދާއެކު ބޭއްވެވި މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހޯދުމަށް އޮތް ފަސޭހަ ގޮތްތަކާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ވިޔަފާރީގެ ގޮތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.

ދަނޑުވެރިކަމަކީ އިޤްތިޞާދީ ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރެވިދާނެ ސިނާޢަތެކެވެ. އެގޮތުން ހުވަދު އަތޮޅަކީވެސް ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް ދަނޑުވެރިކަން ކުރާ އަތޮޅަކަށް ވުމުން ދަނޑުވެރިންނަށް ބޭނުންވާ ކަންކަމާއި ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކާއި ތަފާތު ގޮންޖެހުންތައްވެސް މި ބައްދަލުވުމުގައި ވަނީ ޙިއްސާކޮށްފައެވެ. ހަމަ މިއާއެކު މިހާރު އެގްރޯނެޓުން ހިންގާ "ކޮންޓްރެކްޓް ފާމިންގ" މަޝްރޫޢުގައި ބައިވެރިވާ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މިކަންކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި މެމްބަރުންގެ ފަރާތުން ހުށައެޅުނު ކަންކަމަށް އެގްރޯނެޓުން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

އެގްރޯ ނެޓުގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓް ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމައަގު ލިބިގެންދާނެއެވެ.

އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށް މި ސަރުކާރުން އުފައްދާފައިވާ ވިޔަފާރި ކުންފުންޏެކެވެ.