ޚަބަރު

ކޯވިޑް-19ގެ ފުރިހަމަ މަޢުލޫމާތު ޙިއްޞާކުރުމަށް އަނެއްކާވެސް ޗައިނާއަށް ގޮވާލައިފި


ކޯވިޑް-19ގެ ފުރިހަމަ މަޢުލޫމާތު ޙިއްޞާކުރުމަށް އަނެއްކާވެސް ޗައިނާއިން ގޮވާލައިފިއެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ އެންމެ އިސްވެރިޔާ ޓެޑުރޮސް އަދަނޮމު ގެބްރިޔޭސުސް ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ޢަމަލުކުރުމަށް އެ ޖަމުޢިއްޔާއިން ބޭނުންކުރަނީ 2005ވަނަ އަހަރުގެ ތެރޭގައި އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޞިއްޙަތާބެހޭ ޤަވައިދަށްކަމަށެވެ. ނަމަވެސް ދުނިޔޭގައި ނުރައްކާތެރި އައު ބައްޔެއް ފެތުރުން ހުއްޓުވުމުގައި ބޮޑެތި ގޯސްތަކެއް ހެދިފައިވާކަމަށް ޓެޑުރޮސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެންމެ އެދެވޭ ގޮތެއްގައި ބައްޔާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅޭނީ އެންމެ ފުރިހަމަ މަޢުލޫމާތު ލިބިގެންކަމަށެވެ. އޭނާ އެ މޭރުމުން ވާހަކަދައްކަވާފައިވަނީ ބަލީގެ ނުރައްކަތެރި އަދި ވާރުތަވުމުގެ ވައްތަރެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނީ ޗައިނާގެ ވޫހާނުގައެވެ. ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިންވަނީ ވޫހާނަށް ތަޙްޤީޤީ ވަފުދެއް ފޮނުވައިފައެވެ. އެ ވަފުދުންވަނީ ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނުކަމަށް ބުނައި ވޫހާނުގެ މަސްމާރުކޭޓާއި ލެބޯރަޓޮރީއަށް ޒިޔާރާތްކޮށްފައެވެ. ނަމަވެސް ކޯވިޑް-19ގެ ފުރިހަމަ މަޢުލޫމާތު ޙިއްޞާކުރުމަށް ޗައިނާއިން ފަސްޖެހުނުކަމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާވަނީ ތުޙްމަތުކޮށްފައެވެ. ޗައިނާއިންވަނީ ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ އިތުރު ތަޙްޤީޤީ ވަފުދެއް އެ ޤައުމަށް ޒިޔާރާތްކުރުމުގެ ޙުއްދަ ނުދޭނެކަމަށް ބުނެފައެވެ.