ޚަބަރު

އޮމިކްރޯން: ޑެލްޓާއަށްވުރެ ނުރައްކާ، ވެކްސިން ޖަހާފައިވާ މީހުންނަށްވެސް ބަލިޖެހެނީ


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯނަކީ ކުރިން ފެތުރުނު ޑެލްޓާއަށްވުރެ ނުރައްކާތެރި ވައްތަރެއްކަމަށް ބުނެ ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ އެންމެ އިސްވެރިޔާ ޓެޑުރޮސް އަދަނޮމު ގެބްރިޔޭސުސް ވިދާޅުވީ ޑެލްޓާއަށްވުރެ ފެތުރުނު މިންވަރަށްވުރެ ބޮޑަށް އޮމިކްރޯން ފެތުރެމުންދާކަމަށާއި ކޯވިޑް-19އާ ދެކޮޅަށް ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންނަށާއި ބަލިޖެހި ފަސޭހަވެފައިވާ މީހުންނަށްވެސް އަލުން ބަލިޖެހޭކަން ފާހަގަވެފައިވާކަމަށެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ އެންމެ އިސް ސައިންސުވެރިޔާ ސޫމުޔާ ސުވަމިނަތަން ވިދާޅުވީ އޮމިކްރޯން ޖެހޭ މީހުންނަށް ބޮޑުވަރުނުވާކަމަށް ކުރިން ނިންމާފައިވާ ނިންމުމަކީ ގޯހެއްކަމަށެވެ. އަދި އޮމިކްރޯނުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުކަމަށާއި ބަލިޖެހިގެން ހަސްފަތާލުތަކުން ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށްވެސް ސުވަމިނަތަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ބަލިފެތުރި ޞިއްޙީ ފަރުވާދޭ ނިޒާމުތަކަށް ބާރުބޮޑުވާނެކަމަށެވެ. އެ ގޮތުން ދެ ޑޯސް ފުރިހަމަކޮށްފައިވާ މީހުންނަށްވެސް އޮމިކްރޯނުގެ ނުރައްކާތެރިކަން އިންތިހާއަށް އޮތްކަން ފާހަގަކުރައްވަމުން އޭނާވަނީ ބޫސްޓަރ ޑޯސް ނުވަތަ ވެކްސިންގެ ތިންވަނަ ޑޯސެއް ޖެހުން ވަރަށް މުޙިއްމުކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ އިސް ތަޖުރިބާކާރެއްކަމަށްވާ މައިކް ރަޔަންވަނީ އަންނަ އަހަރުގެ ތެރޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އެ ގޮތުން އޭނާވަނީ ކޯވިޑް-19އާ ދެކޮޅަށް ބާރުގަދަ ވެކްސިންތައް އުފައްދަމުންދާކަމަށާއި ބަލިފެތުރުން ހުއްޓުވުމަށް ބޭސްފަދަ އައު އީޖާދުތައް އުފައްދަމުންދާކަން ފާހަގަކުރައްވައިފައެވެ.

އެމެރިކާގެ ބޭހާއި ވެކްސިންނާއި އެ ނޫންވެސް ޞިއްޙީ ފަރުވާދޭ ސާމާނު އުފައްދައި ފައިޒަރ ކުންފުނިން ކުރި ދިރާސާތަކަކަށްފަހު ބުނެފައިވަނީ ކޯވިޑް-19ގެ ޙާލަތު ކުރިޔަށް އޮތް އަހަރުގެ އިތުރުން ޖެހިގެން އަންނަ 2023ވަނަ އަހަރުގެ ބޮޑު ބަޔަކަށް ދިގުދެމިގެންދިޔުން އެކަށީގެންވާކަމަށެވެ. އަދި އިނގިރޭސިވިލާތުގެ އިންޕީރިއަލް ކޮލެޖުން ޢާއްމުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ އޮމިކްރޯން ޖެހުމުގެ ފުރުޞަތު 5.4 ގުނަ އިތުރުކަމަށާއި ކުރިން ބަލިޖެހިފައިވާ މީހުންނަށްވެސް އޮމިކްރޯން ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ.