ޚަބަރު

ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ ޢަދަދު 400އަށް


ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ ޢަދަދު 375އަށްވުރެ އިތުރުވެއްޖެއެވެ.

ފިލިޕީންސުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ތޫފާނުގެ ސަބަބުން އެތައް ހާސް ގެދޮރެއް ހަލާކުވެ ގިނަ ޢަދަދެއްގެ އަވަށްތަކެއްގައި ފެންބޮޑުވެ ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް ކެނޑި އެތައް ސަތޭކަހާސް ބައެއްގެ ގެދޮރު ގެއްލިފައިވާކަމަށެވެ. އެ ވުޒާރާއިން ބުނެފައިވަނީ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ބޮޑުކަމަށާއި އެ ޤައުމުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ޙާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެނާއި ޞިއްޙީ ސާމާނު ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އެ މަސައްކަތުގައި ގިނަ ޢަދަދެއްގެ އަސްކަރީ އުޅަނދުތައް ޙަރަކާތްތެރިވަމުންދާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފިލިޕީންސުގެ ސަރުކާރުން ބުނެފައިވަނީ ތޫފާނުގައި މަރުވި މީހުންގެ ޢަދަދު 400އަށްވުރެ އިތުރުވުން އެކަށީގެންވާކަމަށެވެ. އެ ގޮތުން ތޫފާނުގައި 50އަށްވުރެ ގިނަ މީހުން ގެއްލި 500އަށްވުރެ ގިނަ މީހުންނަށް އެކި އަނިޔާތައް ލިބިފައިވާކަމަށް ފިލިޕީންސުގެ ސަރުކާރުން ބުނެފައިވެއެވެ. އަދި ތޫފާނުގެ ސަބަބުން 490،000އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ އަސްކަރިއްޔާ ޙަރަކާތްތެރިވަމުންދާކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ތޫފާން ރާއީއަކީ ފިލިޕީންސަށް މި އަހަރުގެ ތެރޭގައި އެރި 15 ތޫފާނުގެ ތެރެއިން އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނު ރާއީ ފިލިޕީންސަށް އަރާފައިވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ފިލިޕީންސަށް އަހަރަކު ގާތްގަނޑަކަށް 20 ތޫފާނު އަރައެވެ.