ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި އަސްކަރީ 13 އުޅަނދު ރާއްޖެއަށް ހަދިޔާ ކުރާނެކަން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅާއި ގުޅޭގޮތުން އެޤައުމުގެ ރަސްމީ ނޫސް އެޖެންސީ، ބަންގްލަދޭޝް ޝޮންބަދް ޝަންގްސްތާ(ބީއެސްއެސް) އިން ވަނީ މިދަތުުރުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވޭކަމަށް ހާމަކޮށްފައެވެ.
މީގެ ތެރޭގައި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަންއާ ގުޅޭ އެއްބަސްވުމަކާއި، ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާއި ގުޅޭދާއިރާގެ އެމްއޯޔޫއެއްގައި ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމަށް ރާއްޖެއާ ބަންގްލަދޭޝްއާދެމެދު ވެފައިވާ އެއްބަސްވުން މިދަތުރުފުޅުގެ ތެރެއިން އައުކުރުމަށްވަނީ ހަމަޖެހިފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ތަރުޖަމާނާއި ހަވާލާދީ ބީއެސްއެސް އިން ބުނެފައިވަނީ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ދަތުރުފުޅުގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ އިތުރުން، ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝް އިން 13 އަސްކަރީ އުޅަނދު ރާއްޖެއަށް ހަދިޔާ ކުރާނެކަމަށެވެ.
މިދަތުރުފުޅުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި އެކަމަނާއަށް ރަސްމީކޮށް މަރުހާބާ ދެންނެވުން އޮންނާނީ ބުރާސްފަތިދުވަހު ހެނދުނު ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ. އަދި އޭގެފަހުން ދެޤައުމުގެ އިސްވެރިންގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާނެއެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސްގެ ކުރިފުޅުމަތީގައި ދެ ގައުމުގެ އިސް އޮފިޝަލުން އެއްބަސްވުންތަކުގައި ސޮއިކުރުމާއެކު ދެ ޤަައުމުގެ އިސްވެރިން ގުޅިފައިވާ ބަޔާނެއް އިއްވަވާނެއެވެ.
އަދި ހަމައެދުވަހުގެ ހަވީރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.