ކުޅިވަރު

އީގަލްސް ބަލިކޮށް ޓީސީން ފެށުން ރަނގަޅުކޮށްފި


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބުން ކުލަބް އީގަލްސްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ޓީސީން އީގަލަސްގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ.

މެޗު ފަށައިގެން އީގަލްސް އިން ކުރިއަށް ޖެހިގެން އެޓޭކް ކުރަމުން ދިޔައިރު، އެ ޓީމުގެ އެންމެ ކުރިއަށް ކުޅުނު ޒައިން ޒަފަރާއި ހަސަން ރާއިފް އަޙުމަދު އަދި ޢަބްދުﷲ ޒިޔާނަށް ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓް ތެރޭ ޓީސީ ކީޕަރު އިމްއާން އަތުން ދޫވި ބޯޅައެއް ހަންނަ ވަނީ ގޯލަށް ފޮނުވާލަން މަސައްކަތް ކޮށްފައެވެ.

ޓީސީން ލީޑުނެގީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ހަސަން އީނާޒް ޖެހި ގޯލުންނެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަމްދޫން ޢބްދުއްލަތީފަށް އޭރިއާތެރެއިން އީގަލްސްގެ ހަސަން ސަމީހު މޫސާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޕްރެޒިންޓްސް ކަޕްގައި އެންމެ ފަހުން އީގަލްސް އާއި ޓީސީ ކުޅުނީ 2016 ވަނަ އަހަރުގެ ފައިނަލުގައެވެ. އެ ފަހަރު އީގަލްސް އިން ޓީސީ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. ރޭގެ މެޗުގައި ދެޓީމުން ވެސް ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ.