މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 84 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކޮށްފިއެވެ. އެހެންނަމަވެސް އޮކްޓޫބަރު މަހާ އަޅާބަލާއިރު ނޮވެމްބަރުމަހު ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގެ އަދަދު މަދު ކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ 95 މައްސަލައެއް އެ މިނިސްޓްރީއަށް ހުށައަޅާފައިވާއިރު ނޮވެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވަނީ މިބާވަތުގެ 84 މައްސަލައެވެ. އަދި ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށްކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 29 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ނޮވެމްބަރު މަހު
މީގެ އިތުރުން އިހުމާލުވުމުގެ 21 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 17 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 6 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލައެއް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 2 މައްސަލައެއްވެސް އެ މިނިސްޓްރީއަށް ވަނީ ހުށައަޅާފައެވެ.
ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ކުދިންގެ އަޚުލާގާއި ގުޅުންހުރި 17 މައްސަލައެއް މިދިޔަ މަހު ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައެވެ. އޭގެ ތެރޭގައި ސްކޫލަށްދާން ބޭނުންނުވުމުގެ 8 މައްސަލައަކާއި ކުދިންގެ ރުޅި އިސްކުރުން ނުވަތަ ރުޅި ގަދަވެގެން އުޅުމުގެ 7 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އަދި ގެއިން ނުކުމެގެން ދިއުމުގެ 2 މައްސަލައެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކުން އެކުދިން މަޙްރޫމުކުރުމުގެ 5 މައްސަލައެއް ނޮވެމްބަރުމަހު ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައެވެ. އޭގެ ތެރޭގައި ސްކޫލަށް ނުފޮނުވުމުގެ 2 މައްސަލައަކާއި ތަޢުލީމަށް ހުރަސްއެޅުމުގެ 2 މައްސަލައެއްގެ އިތުރުން ސިއްޙީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައެއްވެސް ވަނީ ހުށައަޅާފައެވެ.
މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ 184 މައްސަލައިގެ ތެރޭގައި އާއިލީ މައްސަލައިގެ 26 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލައަކާއި ކުދިން ބެލުމާއި ގުޅުންހުރި 2 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ވެސް ޖެންޑާއަށް ވަނީ ހުށައަޅާފައެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 208 ކުއްޖަކު އެބަތިބިއެވެ.