އެމެރިކާއާ ކުރިމަތިލާން ޗައިނާއިން އެއްވެސް ޖެހިލުމެއް ނެތްކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވާން ޔީ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވާން ވިދާޅުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޚިޔާލުތަފާތުވަނީ އެމެރިކާގެ ސަރުކާރުން ގެންގުޅޭ ވިސްނުންތަކުގެ ސަބަބުންކަމަށާއި ޗައިނާއިން އިސްކަންދެނީ ދެ ޤައުމަށްވެސް ފައިދާވާނެ ގޮތްތަކަށްކަމަށެވެ. އަދި ވާދަވެރިކަމަކީ މައްސަލައެއް ނޫންކަމަށާއި ކުރިމަތިލުމަކަށް ދާންޖެހިއްޖެނަމަ ޗައިނާއިން އޮތީ އެއްވެސް ޖެހިލުމެއް ނެތި ތައްޔާރަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ޗައިނާއާއި އެމެރިކާގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެ ގޮތުން ޗައިނާގެ އުއިގޫރު މުސްލިމުންގެ މައްސަލައާއި ތައިވާނުގެ މިނިވަންކަމުގެ މައްސަލައާއި ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށުނު ގޮތުގެ އިތުރުން ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ދެ ޤައުމުގެ ދެމެދުގައި ޚިޔާލުތަފާތުވެ ބަހުގެ ޙަމަލާތައްވަނީ ބަދަލުކޮށްފައެވެ. އެ ޚިޔާލުތަފާތުވުންތަކާއެކު އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުންވަނީ ޗައިނާގެ މުދާ އެތެރެކުރުމާ ދެކޮޅަށް ޤާނޫނެއްވެސް ފާސްކޮށްފައެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަތަކާމެދު ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ދާދިފަހުން ވީޑިޔޯ މެދުވެރިކޮށް މަޝްވަރާކުރައްވައިފައެވެ.