ޚަބަރު

ތައިލޭންޑުގައި އޮމިކްރޯން ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަނީ


ތައިލޭންޑުގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން މަޝްވަރާކޮށްފިއެވެ.

ތައިލޭންޑުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި އޮމިކްރޯން ފެތުރެމުންދާކަން ކަށަވަރުވެފައިވާކަމަށާއި ކޯވިޑް-19އާ ދެކޮޅަށް އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ލަފާދޭން ނިންމާފައިވާކަމަށެވެ. އެ ގޮތުން އެ ވުޒާރާއިން އިލްތިމާޞްކުރަނީ ތައިލޭންޑަށް ދަތުރުކުރައި އެންމެންވެސް ކަރަންޓީނުކުރުމަށެވެ. އޭގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންވެސް ހިމެނެއެވެ.

ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ތައިލޭންޑުގެ ޞިއްޙަތާބެހޭ ވުޒާރާއިން އިލްތިމާޞްކޮށްފައިވަނީ 18 މަސްދުވަހަށްފަހު ބޭރުން ދަތުރުކުރާ މީހުންނަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ހުޅުވާލާފައިވަނިކޮށެވެ. އެ ޤައުމަށް ގާތްގަނޑަކަށް އަހަރަކު 40 މިލިޔަން މީހުން ދަތުރުކުރެއެވެ.

ތައިލޭންޑުގައި 63 މީހަކަށް އޮމިކްރޯން ޖެހިފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.