ޚަބަރު

އިސްލާމީ ޤައުމުތަކުން އެންމެ ފަހުން އަފްޣާނިސްތާނަށް އެހީތެރިވަނީ


އިސްލާމީ ޤައުމުތަކުން އެންމެ ފަހުން އަފްޣާނިސްތާނަށް އެހީތެރިވުމަށް ނިންމައިފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމުއާބާދުގައި ބޭއްވި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުންވަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ބޮޑު ކާރިޘާއިން އަރައިގަތުމަށް އެ ޤައުމަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭކަމަށް ބުނެފައެވެ. އެ ގޮތުން އެ ޤައުމުތަކުން އެއްބަސްވެފައިވަނީ އިސްލާމިކް ޑިވެލޮޕުމެންޓު ބޭންކުގައި އަފްޣާނިސްތާނަށް އެހީތެރިވުމަށް ޓުރަސްޓު ފަންޑެއް ޤާއިމުކުރުމަށެވެ. ނަމަވެސް އެ ފަންޑަށް ޖަމާކުރާނެ ފައިސާގެ ޢަދަދެއް އެ ބައްދަލުވުމުގައި ބުނެފައެއް ނުވެއެވެ. އަދި އަފްޣާނިސްތާނުގައި އޮތް ޠާލިބާން ޖަމާޢަތުގެ ވެރިކަން އެ ބައްދަލުވުމުގައި ޤަބޫލުކޮށްފައެއްވެސް ނުވެއެވެ.

އަފްޣާނިސްތާނުގެ އެތައް މިލިޔަން މީހުންނެއް ޙާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައި ބޭއްވި އޯއައިސީގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ބޮޑު ކާރިޘާއިން އަރައިގަތުމަށް ބޭރު ޤައުމުތަކުން ހިފަހައްޓާފައިވާ ގިނަ ޢަދަދެއްގެ ފައިސާއާއި މުދާ ދޫކުރުން ކޮންމެހެންވެސް މުޙިއްމުކަމަށެވެ. އެ ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އިތުރުން އެމެރިކާއާއި ޖަޕާނާއި ވިލާތުގެ އިއްތިޙާދާއި އދގެ މަންދޫބުންވަނީ ބައިވެރިވެފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން ބޭރު ޤައުމުތަކުގައި ހުރި އެ ޤައުމުގެ 9 ބިލިޔަން އެމެރިކާ ޑޮލަރުވަނީ ހިފަހައްޓައިފައެވެ. އެއާއެކު އަފްޣާނިސްތާނަށް ފައިސާ ލިބޭނެ ގޮތެއް ނެތި އެ ޤައުމަށްވަނީ ބޮޑު މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން ބުނެފައިވަނީ އަފްޣާނިސްތާނަށް ފައިސާ ދޫކުރާނީ އެ ޤައުމުތަކުގެ ޝަތުރުތައް ފުރިހަމަކުރުމުންކަމަށެވެ.

އޯއައިސީގެ ބައްދަލުވުމެއް ބާއްވާފައިވަނީ އަފްޣާނިސްތާނުގައި 20 މިލިޔަން މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދާކަމަށް ބުނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޠާލިބާނުން އެދިފައިވާ ދަނޑިވަޅެއްގައެވެ.