ކުޅިވަރު

ޗެލްސީ އެއްވަރުވެ ތާވަލްގެ ތިންވަނައަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ވުލްވަރހެމްޕްޓަން ވޮންޑަރސް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ވުލްވްސްގެ މޮލިނިއު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެޓީމުގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ބައެއް ކުޅުންތެރިންނާއި ނުލާ ކުޅުނު ޗެލްސީއަށް އެޓީމުގެ އެންމެ މޮޅު ކުޅުން މިމެޗްގައި ދެއްކޭ ގޮތެއް ނުވިއެވެ. މިމެޗްގެ ކުރީކޮޅު ރަނގަޅަށް ކުޅުނީ ވުލްވްސްއެވެ. މިގޮތުން ޑެނިއަލް ޕްރޮޑެންސް ލަނޑެއްވެސް ކާމިޔަބުކުރިއެވެ. ނަމަވެސް އެލަނޑުވަނީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. ޗެލްސީގެ ކުޅުންތެރިންގެ ތެރޭގައި ކޯވިޑް-19 ފެތުރިފައިވާކަން އެނގުމާއެކު އެކްލަބުންވަނީ މިމެޗް ފަސް ކޮސްދިނުމަށް ވެސް އެދިފައެވެ. ނަމަވެސް ޕްރިމިއަރ ލީގުން އެއެދުން ގަބޫލް ކޮށްފައެއްނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ތޯމަސް ޓުކެލްވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް އޭނާ އަށް ގަބޫލް ކުރެވޭކަމަށް ބުނެފައެވެ. އަދި ދެން ހަދާ ޓެސްޓަކުން ފެނިގެންދާނީ އިތުރު ކިތައް ކުޅުންތެރިންކަމެއް ނޭނގޭކަމަށެވެ. މިމެޗް އެއްވަރު ވުމާއެކު ޗެލްސީ އާއި ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ ހަ ޕޮއިންޓަށް އިތުރު ވެފައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ވުލްވްސް އުޅެނީ ތާވަލްގެ 8 ވަނައިގައެވެ.