ކުޅިވަރު

ތައްޔާރީތަށް ދިޔައީ އެންމެ ރަނގަޅަކަށް ނޫން: ޝާޒްލީ


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުން ދިޔައީ އެންމެ ރަނގަޅަކަށް ނޫންކަމަށް ކުލަބް އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ. އެހެންނަމަވެސް މިރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކްލަބު އީގަލްސް ނުކުންނައިރު، އީގަލްސްގެ ޓީމާމެދު ބޮޑު އުންމީދެއް އެބައޮތް ކަމަށް ޝާޒް ވަނީ ބުނެފައެވެ.

ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކެކޭ އެއް ގޮތަށް، ކްލަބު އީގަލްސް އަށް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ޕްރީ ސީޒަންގެ ތައްޔާރީތައް ނުގެންދެވުނެވެ. އެހެންނަމަވެސް، މިހާރު އޮތް ޓީމާ މެދު ބޮޑު އުންމީދެއް އެބައޮތް ކަމަށް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުންޏެވެ.

"ނެޝަނަލް ޓީމުގެ ކުޅުންތެރިން މުބާރާތްތަކެއް ކުޅެފައި، ގިނަ ދުވަހު މަސައްކަތްކޮށްފައި އެ އައީ. ދެން އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ވެސް ޓީމުގެ ޓްރެއިނިންތަކުގައި ބައިވެރިވެގެން ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވި،" ޝާޒް ބުންޏެވެ.

މިއީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އީގަލްސް އާއި ޓީސީ ސްޕޯޓްސް މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ މެޗެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްފައެވެ.