ކުޅިވަރު

ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން: މޯހަން


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތާއި ކުރިމަތިލާއިރު މާޒިޔާގެ އަމާޒަކީ މުބާރާތް ކާމިޔާބުކުރުން ކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ވެލެންސިއާ މެޗާއި ސަސްގެ މެޗާ ދެމެދު މާ ގިނަ ދުވަހެއް ނުލިބުނު ކަމުގައި ވިޔަސް މި މުއްދަތަކީ ރިކަވަރީ އަށް ބަލާއިރު، ރަނގަޅު ވަގުތެއް ކަމަށެވެ. އެހެން ޓީމުތަކުގެ ޕްރީ ސީޒަން ތައްޔާރީތައް ލަހުން ފެށުމުން ޕްރެޒިޑެންޓްސް ކަޕަކީ ޓީމު ހާނުވާލަން ލިބޭ ރަނގަޅު މެޗުތަކެއްގެ ގޮތުގައި ދެކުނަސް މާޒިޔާގެ ވިސްނުން އޮތީ ކާމިޔާބީއަށް ކަމަށް މޯހަން ވަނީ ބުނެފައެވެ.

މާޒިޔާ ޓީމު މިހާރު ބައްޓަންވެފައި އޮތްގޮތަށް ބަލާއިރު، އެ ޓީމުން ރާއްޖޭގެ ކޮންމެ މުބާރާތަކަށް ނުކުތް ކަމުގައި ވިޔަސް ކާމިޔާބު ހޯދުން ނޫން ގޮތެއް ނޯންނާނެ ކަމަށް މޯހަން ވަނީ ބުނެފައެވެ. މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕްގެ ފުރަަތަމަ މެޗަށް ނުކުންނައިރު، ސީޒަނުގައި މެޗެއް ކުޅެފައި (ޗެރިޓީ ޝީލްޑް މެޗު) އޮތުމުން ހިތްހަމަޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ކުޅުން ފެނިފައި، ކުޅުންތެރިންގެ މި ވަގުތުގެ ލެވަލް އެނގުމުގެ އިތުރުން ޕްރެކްޓިހުގައި ކުރި މަސައްކަތާ އެއްވަރަށް މެޗުގައި ކުޅެވުނުތޯ ރަނގަޅަށް ވަޒަންކޮށްލެވޭނެއެވެ. މޯހަން ބުނީ އެ ހުރިހާ ކަމަކަށް ބަލާއިރު، އެއީ މާޒިޔާ އަށް އެޑްވާންޓޭޖް ކަމަށެވެ.

"ބޮޑު ސްކޮޑާ އެކީގައި މާޒިޔާ އަށް ކާމިޔާބީ ނޫން ގޮތެއް ނުއެއް އޮންނާނެ. އެހެންވީމަ، އަޅުގަނޑުމެން ދުރާލާ މާޒިޔާ މެނޭޖްމަންޓުން ހުރިހާ ކަމެއް މި ކުރަނީ ވެސް ކާމިޔާބު ހޯދުމުގެ ބޭނުމުގައި. ޓާގެޓަކީ މި މުބާރާތް ކާމިޔާބު ކުރުން،" މޯހަން ބުންޏެވެ.

މޯހަން ބުނީ މާޒިޔާ އިން ތައްޔާރުވީ މުޅި ސީޒަން ކަމަށާއި ވަކި މެޗަކަށް ޚާއްސަ ގޮތްގޮތަށް ނޫން ކަމަށެވެ. މާޒިޔާއިން ވަނީ މިދިޔަ ބުދަ ދުވަހުގެރޭ ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މޮޅު ކުޅުމެއް ދައްކައި 5-0 އިން ވެލެންސިއާ ބަލިކޮށްފައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު މާޒިޔާ އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ބައްދަލުކުރާނެއެވެ.